މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ގައުމުގެ ހެވާއި ލާބައަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ އެ ދުވަހުގެ މުނާސަބަތާ ގުޅުން ނެތް، ސިޔާސީ ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ހާއްސަކޮށް އެ ދުވަހު ރައީސް ވަނީ އެމްޑީޕީގެ ދެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަމުގެ ވާހަކަދައްކާއިރު މާޒީގައި ކަންވެފައި ހުރި ގޮތާއި އެ ކަންކަން ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހާމަކުރުން މުހިންމު ކަމަށެވެ.
އެގޮތުން ހަމައެކަނި ސިޔާސީ ގޮތުން މިނިވަންކަން ލިބިގެން ރައްޔިތުންނަށް ހަގީގީ މިނިވަންކަމުގެ އިހުސާސް ނުކުރެވޭނެ ކަމަށާއި އެ މަނިކުފާނު ބޭނުންފުޅު ވަނީ އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި މިނިވަންކަން ހޯދައިދެއްވުން ކަމަށްވެސް ވިދާޅުވި އެވެ
”…އަޅުގަނޑު ފާހަގަކުރީ އެމްޑީޕީ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އިޒްރޭލާ ގާތްކަމާއި އަރަބިންނާއި މުސްލިމުންނާއި ދުރުކަމާއި، ވަކި ގައުމުތަކެއް އިސްކުރާ ކަމާއި، ނޫނިއްޔާ ބައެއްފަހަރު ގާތްގަނޑަކަށް އަޅުގަނޑު އެ ދުވަހު މިނިވަން ދުވަހު ފާހަގަކުރިން ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތަކޭ. މިކަންކަމަކީ ފެކްޓް. ފެންނަން ހުރި ހަގީގަތް،“ ރައީސް ވިދާޅުވި އެވެ.


