ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތައް ކުރުމަށް މި ސަރުކާރުން އުފެއްދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ މެންބަރަކު މިއަދު އައްޔަންކޮށްފި އެވެ.
އެ ކުންފުނީގެ ބޯޑަށް އައްޔަންކުރީ ދަފްތަރު ނަންބަރު ރސ 8557، މަރިޔަމް ނަޒުލީނާ އެވެ. އޭނާ އައްޔަންކުރީ އެ ބޯޑުގެ އެކައުންޓިން އެންޑް ފައިނޭންސް މެންބަރުގެ މަގާމަށެވެ.
ނަޒްލީނާއަކީ ފައިނޭންޝަލް ރިޕޯޓިން، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފައިނޭންސް އަދި ޕަބްލިކް ސެކްޓާ އެކައުންޓިން ދާއިރާގެ ފަންނީ ބޭފުޅެކެވެ.
އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ ފިނޭންސް މިނިސްޓްރީގެ ސީނިއާ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ. ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ނަޒްލީނާ ވަނީ، ސެޕް އެފްއައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރައްވައިފަ އެވެ.
މީގެ އިތުރުން، އޭނާ ވަނީ ފައިނޭންޝަލް ރިޕޯޓިން ޓީމުތައް އިސްވެ ބަލަހައްޓަވައި، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓާކުރުމުގެ މަސައްކަތްތަކުގައާއި އައިޕީއެސްއޭއެސް އަދި އެކްރޫއަލް އެކައުންޓިން އިސްލާހީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.
ނަޒްލީނާ ވަނީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައި، މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ބެޗްލާ އޮފް ކޮމާސް ފުރިހަމަ ކުރައްވައިފަ އެވެ
ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާއެއް އޮންނަ ކުންފުންޏެއްގެ ގޮތުގައި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ސޮލިއުޝަން ކޮމްޕެނީ އުފެއްދެވީ 30 މޭ 2025 ގައެެވެ.
ރައީސް އޮފީހުން އޭރު ބުނި ގޮތުގައި އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީ އާއި އިޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތައް ކުރުން ކަމަށެވެ. އަދި އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒު ކުރުމަކީ ވެސް އެ ކުންފުނި އުފެއްދުމުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކުންފުންޏަށް ހުއްދަ ދޫކޮށްފައިވާ ރައުސުލްމާލަކީ 10ރ. ގެ 10،000،000 ހިއްސާގެ މައްޗަށް ބަހާލެވިފައިވާ ސަތޭކަ މިލިއަން ރުފިޔާ އެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ވަކި ގާނޫނީ ޝަހުސެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.


