ޕީއެންސީގެ ނައިބު ރައީސް ކަމަށް ސައީދު، ސައުދާ އަދި ޝުޖާއު ވާދަކުރައްވަނީ

(ކ-ވ) މިނިސްޓަރު ސައީދު، އެމްޕީ ސައުދާ އަދި އެމްޕީ ޝުޖާއު ---

ސަރުކާރު ހިންގާ ޕާޓީ, ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވާދަކުރައްވަން ނިންމަވައި އެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ޕީއެންސީގައި މިވަގުތު ހަ ނައިބު ރައީސުން ތިއްބަވާއިރު, އޭގެ ތެރޭގައި ސައީދާއި ޝުޖާއު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވައި ސައީދު ވިދާޅުވީ, އޭނާ އެ މަގާމަށް ވާދަކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ތާއީދާއި އިތުބާރާއެކު ކަމަށެވެ.

”އަޅުގަނޑުގެ އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި އަދި ހަރުދަނާ ލީޑާޝިޕްގެ ދަށުން ކޮންގްރެސް ޕާޓީ އިތުރަށް ކުރިއަރުވައި, ޕާޓީއަށް ލިބިފައިވާ ކާމިޔާބުތައް ދަމަހައްޓައި, ދިވެހިރާއްޖޭގެ އެންމެ, ވަރުގަދަ އެންމެ އާރުލާ, އެންމެ ހިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ކޮންގްރެސް ޕާޓީ އަބަދުވެސް ބޭއްވުން,“ ސައީދު ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސަކަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ޝުޖާއު ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ, އެ މަގާމަށް އޭނާ އިންތިހާބު ކޮށްދެއްވަންވީ ސަބަބުތައް ވިދާޅުވެފަ އެވެ.

އެގޮތުން ޕީޕީއެމްގެ ވެރިކަން ނިމުމާއެކު އޭރުގެ އަޑުގަދަ އެންމެން ފިލި ނަމަވެސް ޕާޓީގެ ރައީސާއެކު ނުފިލާ ތިބި މަދު މީހުންގެ ތެރެއިން އެކަކީ އޭނާ ކަމަށާއި ޕާޓީ އިދިކޮޅުގައި އޮތްއިރު ހިތްވަރާއެކު ކެރިގެން އެމްޑީޕީއާ ދެކޮޅަށް އިސް ނުކުންނަން ކެރުނީވެސް އޭނާއަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

”މި އޮޑި ގަދަ ކަނޑުގައި ދުއްވި އިރުވެސް ވަރުބަލި ކަމެއް, ފޫހިކަމެއް ނެތި ދެމިހުރީތީ!, ބޮޑާ ނުހާކާ ތެދުވެރިކަމާއި އިހުލާސްތެރިކަމާޢެކު ޕާޓީގައި ސާބިތުވެ ދެމިހުރީތީ!, މަގާމުގެ ދަހިވެތިކަމަށްވުރެ ޕާޓީގެ މަސްލަހަތު އަބަދުވެސް އިސްކުރީތީ!, ..“ ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ, އޭނާއަކީ ޕާޓީގެ އާންމު މެންބަރުންގެ ފޯނަށް އެންމެ ގިނައިން ޖަވާބުދީ, ޖަވާބު ދާރީވާ މީހާ ކަމަށާއި ޕާޓީގެ އާންމު މެންބަރުންގެ އުފަލާއި ހިތްދަތިކަމުގައިވެސް ބައިވެރިވެފައިވާ މީހާ ކަމަށެވެ. އަދި އޭނާއަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ކެރިގެން މަސައްކަތް ކުރާނެ އެކަކު ކަމަށްވެސް ވިދާޅުވި އެވެ.

”ޝުޖާ ލީޑާޝިޕްގައި އިންނަންޖެހެނީ ޝުޖާއާނުލާ ޕާޓީގެ ލީޑާޝިޕް ފުރިހަމަ ނުވާނެތީ“ އޭނާ ވިދާޅުވެފައިވެ އެވެ.