އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19ގައި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްޑީޕީ

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 36 ވަނަ ބައްދަލުވުމުގައި، ކޮންގްރެސް ބާއްވާނެ ތާރީހެއްގެ ގޮތުގައި 19 ސެޕްޓެމްބަރު ހުށަހެޅީ ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެކަމާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ބަހުސްކުރެއްވުމަށްފަހު، ނެގި ވޯޓުގައި 63 މެންބަރުންގެ ތެރެއިން 52 މެންބަރުން ތާއީދުކުރެއްވީ ސެޕްޓެމްބަރު 19ގައި ކޮންގްރެސް ބޭއްވުމަށެވެ.

ކޮންގްރެސްގެ އިންތިޒާމުތައް ބެލެހެއްޓުމަށް ހާއްސަ ކޮމެޓީއެއް އުފެއްދުމަށް ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވި ނަމަވެސް، ރިޔާސަތުން ވިދާޅުވީ އެފަދަ ކޮމެޓީއެއް އެކުލަވާލުމުގެ ފުރުސަތު ޕާޓީގެ މިހާރުގެ އަސާސީ ގަވާއިދު ތަން ނުދޭ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެކި ސަބަބުތަކާ ހުރެ ކޮންގްރެސް ބޭއްވުން ވަނީ ލަސްވެފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ކޮންގްރެސް ބޭއްވޭނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެވެ. ނަމަވެސް ވަކި ޝަރުތުތަކެއްގެ މަތިން ކޮންގްރެސްގެ އާދަޔާ ހިލާފު ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް ބޭއްވިދާނެ ކަމަށާއި އެފަދަ ކޮންގްރެސްއެއް ބޭއްވޭނީ ގައުމީ މަޖިލީހުން ފާސްކުރުމުން ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު ބާއްވަން ނިންމި އިރު، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ގައުމީ މަޖިލިސް ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބާއްވަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ.