ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ފާތިމަތު ދިޔާނާ މިއަދު އައްޔަން ކުރައްވައިފި އެވެ.
ދިޔާނާއަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދިޔާނާ އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ 29 ޖުލައި 2026 ގައެވެ.
ދިޔާނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ޓެޒްމޭނިއާއިން ބެޗެލާ އޮފް ލޯސް، ޖަޕާނުގެ ޔުނިވާސިޓީ އޮފް އޮސާކާއިން މާސްޓާ އޮފް ލޯސް (ލޯ އެންޑް ޕޮލިޓިކަލް ސައިންސް)، އިނގިރޭސިވިލާތުގެ ލެސްޓާ ޔުނިވާސިޓީން މާސްޓާ އޮފް ލޯސް (އިންޓަރނޭޝަނަލް ހިއުމަންރައިޓްސް ލޯ) ހާސިލްކުރައްވައިފައެވެ.
ދިޔާނާ މީގެ ކުރިން ސަރުކާރާއި ދައުލަތުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ވެސް މަތީ މަގާމުތަކެއް ފުރުއްވާފައިވެއެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކު)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ޖެންޑާ، ފެމިލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރުކަމުގެ މަގާމާއި ދިވެހި ދައުލަތުގެ ބަންޑާރަނައިބު ކަމުގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ހިމެނެ އެވެ.


