އެމްޕީއެލްއަށް ބޭނުންވާ ވަރަށްވުރެ އިތުރަށް 600 މުވައްޒަފުން, ގިނައީ ކާޑު ޖަހާފައި ގެއަށްދާ މީހުން!

އެމްޕީއެލްގެ މުވައްޒަފުންތަކެއް ---

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ވަރަށްވުރެ އިތުރަށް 600 މުވައްޒަފުން އެބަ ތިބި ކަމަށާއި އޭގެ ތެރެއިން ގިނައީ މަސައްކަތެއް ނުކޮށް, ކާޑު ޖަހާފައި ގެއަށްދާ މީހުން ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފެނަކައާ ގުޅޭ އޮޑިޓްގެ ކޮމިޓީ ރިޕޯޓް ފާސްކުރުމުގެ ކުރިން ތަޅުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ, ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މުވައްޒަފުންގެ އަދަދު އިތުރުވެ, ބާޒާރަށް ނުކުންނަ ރުފިޔާގެ އަދަދު އިތުރުވުމުން ޑޮލަރުގެ އަގު 40 ޕަސެންޓް ޑީވެލިއުވެފައިވާ ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ބޭނުން ނުވާ ވަރަށް އިތުރުކުރަން ފެށީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޭރު އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ދައުލަތުގެ ކުންފުނިތައް ’ރައިޓް ސައިޒް‘ ކުރުމަށްޓަކައި އެސްއޯއީތަކުން 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތު ހުރި ގޮތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވި އިރު, ސަރުކާރު ކުންފުނިތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް އާއެކު އެމްޕީއެލްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމެވެ.

”އަޅުގަނޑު ދިޔައިން އެމްޕީއެލްއާ ބައްދަލުކުރަން. ދިޔައިރުގައި އޭރުގެ ސީއީއޯ ވިދާޅުވި އެ ކުންފުންޏަށް ބޭނުންވާ ވަރަށްވުރެ އިތުރަށް 600 މުވައްޒަފުން އެ ކުންފުނީގައި ތިބި ވާހަކަ. އަޅުގަނޑުމެން މި ދައްކަނީ 600 މުވައްޒަފުންގެ ވާހަކަ. އެވްރެޖުކޮށް 20,000 ނުވަތަ 30,000 ރުފިޔާގެ މުސާރައެއް ކަމަށްވާނަމަ މި ދައްކަނީ މަހަކު ވިއްސަކަށް މިލިއަން ރުފިޔާ ބޭރުކުރާ ވާހަކަ. އެ 20 މިލިއަން ރުފިޔާވެސް ދާނީ ޑޮލަރުތަކުގެ ފަހަތުން. އެހެންވެ މިހެން ވަނީ (ޑޮލަރު ޑީވެލިއުމިވަނީ). އަނެއްކާ މީގެ ތެރެއިން ގިނަ މީހުންނަކީ ކާޑު ޖަހާލާފައި ގެއަށްދާ މީހުން ކަމަށްވަނީ,“ ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ވައްދާފައި ތިބި މުވައްޒަފުންގެ ތެރެއިން އޮފީހަށް ނުނިކުންނަ 85 މީހުން ތިބި ކަމަށް ބުނާ ލިސްޓެއްވެސް މި ފަހުން ދައުރުވި ކަމަށާއި ނަމަވެސް އެއީ ސައްހަ ލިސްޓެއް ކަމެއް ނުވަތަ ނޫން ކަމެއް ޖަވާބު ދޭންވާ ފަރާތްތަކުން ޔަގީންކޮށްދީފައިނުވާ ކަމަށެވެ.