ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
އެލްޖީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކުރި އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރަން ނިންމީ އިންތިހާބާ ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށެވެ.
އެލްޖީއޭގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ޑަބްލިޔުޑީސީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބަށް އެ އޮތޯރިޓީން ހުޅުވާލީ 12 ޖުލައި 2026 ގައެވެ.
އެލްޖީއޭގެ އިންތިހާބުގައި ސިޓީ ކައުންސިލުގެ ތެރެއިން ވާދަކުރައްވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. އޭނާއާ ދެކޮޅަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވަ އެވެ.
ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އަދި ޕީއެންސީގެ ފަރާތުން ފ. ނިލަންދޫ ކައުންސިލުގެ ރައީސް އަލީ އަހުމަދެވެ. ޑަބްލިޔުޑީސީތަކުގެ ތެރެއިން އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ލ. ގަމު ޑަބްލިޔުޑީސީގެ ރައީސް މަރްޔަމް ނީނާ އެވެ. ޕީއެންސީގެ ފަރާތުން ވާދަކުރަނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ އެވެ.
އެލްޖީއޭގެ ބޯޑުގައި މިހާރު ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރު، ނައިބުރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޒަމީރު އެވެ.


