ކައުންސިލުތަކުގެ އިހުތިސާސްގައިވާ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ދޭން އިސްލާހެއް

އެއްވެސް ބަދަލެއްނުދީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމާއި ތަންތަނުގައި އިހްތިސާސުން ވަކި ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އެ ބިލުގެ ފުރަތަމަ ކިއުން އިއްވައިފައެވެ

ގާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާ ކުރުމަށް ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާގޮތުން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެން ވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެވެ.

އެހެން އޮތް ނަމަވެސް، ގައުމީ އިދާރާއަކުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއެއް ހިންގުމަށްޓަކައި ރަށު އަދި ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާގެ ތެރެއިން އެއްވެސް ތަނެއް ނުވަތަ މުދަލެއް ގައުމީ އިދާރާއަކުން ބޭނުންވެއްޖެ ނަމަ، އެފަދަ ތަންތަނާއި މުދާ ގައުމީ އިދާރާގެ ބޭނުމަށް ނެގިދާނެ ކަމަށްވެސް ބިލުގައިވެެއެވެ.

އެފަދައިން ތަނެއް ނުވަތަ މުދަލެއް ނަގަންވާނީ ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް އެކަށީގެންވާ ބަދަލެއް ދިނުމަށްފަހު ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

ނަަމަވެސް ގާނޫނަށް އިސްލާހު ގެނަން ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލުގައި ބުނަނީ، ލާމަރުކަޒީ ގާނޫނު ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެ ތަންތަން ކައުންސިލްގެ އިހްތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.

މިފަދައިން މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށްވެސް ބިލުގައިވެއެވެ.

އަދި މިގޮތުން ވަކިކުރެވޭ ތަންތަނުގެ މައުލޫމާތު ގައުމީ އިދާރާއިން އާއްމު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލު ކުރުމަށް ފެށުމުގެ ކުރިންވެސް، ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތްތަކުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާއާ ހަވާލު ކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.