ދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރީގެ ދެ ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފި އެވެ.
’ތިނަދޫ އާބާދީ 60‘ ނަމުގައި އެ ސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ރައީސުންނަށް ވެސް އެރުވި އެވެ.
ނަމަވެސް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މީޑިއާތަކަށް ވިދާޅުވީ، ރައީސުންގެ ތެރެއިން ދައުވަތު ގަބޫލުކުރެއްވީ ނަޝީދު އާއި ޔާމީން އެކަނި ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ޖަލްސާގެ އެއް ދުވަސް ކުރިން، މި މަހު 21ގައި އެ ދެ ބޭފުޅުން ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުވަތު ދެއްވި ކުރީގެ އެހެން ރައީސުން ރަސްމިއްޔާތަށް ވަޑައިނުގަންނަވާ ސަބަބެއް ނޭނގެ އެވެ.
ތާރީހީ ފަތްފުތްތަކުން އެނގޭ ގޮތުގައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު، 1962 ވަނަ އަހަރު ”ސިލްވާ ކްރެސްޓް“ ނަމަކަށް ކިޔުނު ބޯޓެއްގައި ސިފައިންނާއެކު ތިނަދޫ އަށް އަރާ އެ ރަށުން މީހުން ބޭލި އެވެ. އެއީ ’ދެކުނު ގަނޑުބަނޑު‘ ގައި ޔުނައިޓެޑް ސުވަދީބް ރިޕަބްލިކްގެ ނަމުގައި ވަކި ދައުލަތެއް ހެދުމާއި ގުޅިގެން ކަމަށް ތާރީހީ ފަތްފުތްތަކުން އެނގެ އެވެ.
އެ ހާދިސާގައި އެތައް މަރުވި ކަމަށް އެނގޭއިރު، 4 ފެބްރުއަރީ 1962 ގައި ފަޅުރަށެއްގެ ގޮތުގައި ތިނަދޫ ހަމަޖެއްސި އެވެ. އެއަށްފަހު ތިނަދޫގައި މީހުން ވަޒަންވެރިވީ ރަށް ފަޅުކުރިތާ ހަތަރު އަހަރު ފަހުން 22 އޮގަސްޓް 1966 ގައެވެ.


