ކުޑަކުއްޖަކު ސީޓް ބެލްޓް އަޅަން ދެކޮޅު ހެދުމުން ކެނެޑާގެ ޕޯޓާ އެއާލައިންސްގެ ފްލައިޓެއް ކެންސަލްކޮށްފި އެވެ.
އެ އެއާލައިނުން ބުނީ، މި މަހުގެ ހަވަނަ ދުވަހު ވިކްޓޯރިއާ އިން ޓޮރޮންޓޯއަށް ފުރަން ތައްޔާރުވަމުންދިޔަ އެ އެއާލައިންގެ ފްލައިޓް އަނބުރާ ޓާމިނަލަށް ގެންދަން ޖެހުނީ ކުޑަކުއްޖަކު ސީޓު މަތީގައި ކޮޅަށް ހުރެ، ސީޓް ބެލްޓް އަޅަން އެއްބަސްނުވުމުން ކަމަށެވެ.
އަދި އެކަން އެކަމުގެ ސަބަބުން، ދަންވަރު ރަންވޭ ބަންދުވުމުގެ ކުރިން ފްލައިޓަށް ނުފުރި، ފަސިންޖަރުންގެ ޓިކެޓްތައް ޖެހިގެން އައި ދުވަހުގެ ފްލައިޓަކަށް ބަދަލުކުރަން ޖެހުނު ކަމަށްވެސް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން، މިފަދަ ހާލަތްތަކުގައި ކުދިންނާ މެދު އަމަލުކުރަންވީ ގޮތާއި އެއާލައިންތަކުން އިޖާބަ ދޭންވީ ގޮތާ މެދު އާންމުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.
އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި މިއީ ބެލެނިވެރިން ކުދިންނަށް މާބޮޑަށް ދޫދިނުމުން ވާގޮތެކެވެ. އަނެއް ބަޔަކު ވަނީ އެންމެ ކުއްޖެއްގެ ސަބަބުން މުޅި ފްލައިޓް ކެންސަލް ކުރަން ޖެހުނީ ކީއްވެގެންތޯ ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ބައެއް މީހުން ވަނީ ބައެއް ފަހަރު ކުދިން މަތިންދާބޯޓުގައި ދަތުރުކުރަން ބިރުގަންނަ ކަމަށާއި އެއީ އެ ކުދިން ގަސްތުގައި އުނދަގޫކުރަން ކުރާ ކަމެއް ނޫން ކަމަށް ބުނެ ކުއްޖާގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ.
ކުޑަކުދިންގެ އޭވިއޭޝަން ސޭފްޓީ މާހިރެއް ކަމަށްވާ ލިއާ ޓޫސޯ ބީބީސީއަށް ބުނި ގޮތުގައި، ޕޯޓާގެ ކްރޫން ފްލައިޓް ހުއްޓާލަން ނިންމި ނިންމުމަކީ އެ ކުއްޖާގެ އިތުރުން ފްލައިޓްގައި ތިބި އެހެން ފަސިންޖަރުންގެ ސަލާމަތްތެރިކަން ރައްކާތެރިކުރުމަށް ނިންމި ނިންމުމެކެވެ.


