ޒުވާނުން ބާރުވެރިކުރުވުމުގެ އަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމި އޮންނާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ހާއްސަ މެސެޖުގައި އެ މަނިކުފާނު ވިދާޅުވީ، ތަފާތު ރަށްރަށާއި ތަފާތު ޖަމާއަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާ ކުރެވެނީ ތަފާތު ހަގީގަތްތަކެއް ކަމަށެވެ. ނަމަވެސް ފެންވަރު ރަނގަޅު ތައުލީމާއި މާނަހުރި ފުރުސަތުތަކާއި އަބުރުވެރި ދިރިއުޅުމާއި ތިމާއާއި ތިމާގެ އާއިލާއަށް އަދަށްވުރެ ފަހި މާދަމާއެއް ލިބުން ފަދަ، ހުރިހާ ޒުވާނުން ހިއްސާކުރާ އުންމީދުތަކެއް ހުންނާނެ ކަަމަށް ވިދާޅުވި އެވެ.
ދީނީ، ތައުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުން އަންނަ ކާމިޔާބީތަކާއި ކުރާ އުންމީދުތަކަށް ސާބަސް ދެއްވައި ރައީސް ވިދާޅުވީ، މި ކަންކަމުން ހެކިކޮށްދެނީ މި ޖީލުން ކާމިޔާބީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ކަމަށެވެ.
އަދި ތައުލީމީ ދާއިރާއިން ހޯދާ ކާމިޔާބީތަކާ އެއްވަރަށް ވަޒީފާގެ މައިދާނުގައި ފުރުސަތު އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި، ގައުމީ ފެންވަރުގައި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ދިވެހި ޒުވާނުންނަށް އިތުބާރު ކުރައްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޒުވާނުންގެ ހިޔާލުތަކާއި އަޑާއި އުންމީދުތަކަކީ ގައުމީ ތަރައްގީއަށް އަގުހުރި އުންސުރުތަކެއް ކަމަށެވެ. އަދި ދިވެހި ޒުވާނުންގެ ބުންވަރާއި ވިލުންތެރިކަމަށް ތައުރީފު ކުރައްވައި އެ މަނިކުފާނު ވަނީ، ޒުވާނުންގެ އިހުލާސަތެރިކަމުގެ ބާރުން، ފުދުންތެރިކަމާއި ވިލުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީގެ މަންޒިލަށް ގައުމު މިސްރާބު ޖަހާނޭކަން ޔަގީންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ،


