އެމްޑީޕީގެ ޑިމާންޑެއް ސަރުކާރަށް: 10 ދުވަސްތެރޭ ޑޮލަރުގެ ރޭޓު 19ރ. އަށް ތިރިކުރުން

ތިން ރައީސުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓު 19 ރުފިޔާއަށް ތިރިކުރަން އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވުމާއި ގުޅިގެން ’ދަތިވެއްޖެ‘ ނަމުގައި އެމްޑީޕީން ބާއްވަން ނިންމާފައި މުޒާހަރާ، މޫސުން ގޯސްވިއަސް ކުރިއަށް ގެންދާނެ ކަމަށެވެ.

އެ މުޒާހަރާގައި އެމްޑީޕީގެ ފަރާތުން ސަރުކާރަށް ޑިމާންޑުތަކެއް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

”އަޅުގަނޑުމެން މި ބުނަނީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ސަރުކާރުން ތިރިކޮށްދޭށޭ. ދެން އެއްމަސް ދުވަހުގެ ތެރޭގައި17 ރުފިޔާއަށް. އެއީ 17 ރުފިޔާއަކީ ޖަނަވަރީ 2024 ގައި މި ބޭފުޅުން، ސަރުކާރާ ހަވާލުވި އިރުގައި ހުރި މިންވަރަށް،“ ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ސަރުކާރެއްގައި ޑޮލަރުގެ ރޭޓު ދަށްކުރެވޭނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި އެ ފިޔަވަޅުތަކަކީ އިގުތިސާދީ އިލްމުގައި ދިރާސާތަކާއި ރޭވުންތަކާއެކު ކުރާ ކަންކަން ކަމަށެވެ. އަދި ސަރުކާރުން އެ މަސައްކަތް ނުކޮށް ޑޮލަރުގެ އަގު އަރަން ދޫކޮށްލާފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.