ރިޔާސީ ޓިކެޓަށް އިބޫ ވާދަކުރަން ނިންމުމާއެކު ނަޝީދު ނަކަލުކުރީ ”ނަނާ ހުވަފެން ދުށީމޭ“

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި ހަބަރާއެކު ޅެމަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ނުސީދާ ރައްދެއް ދެއްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިބޫ އަދި ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމެވިކަން އިއްޔެ އެ މަނިކުފާނުގެ އަރިސް އެމްޑީޕީގެ ޓީމަކާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވަނީ އިއުލާން ކުރައްވައިފަ އެވެ.

މި ހަބަރު މީޑިއާތަކުން ރިޕޯޓް ކުރުމާއެކު، ނަޝީދު މިއަދު ވަނީ އަލްމަރުހޫމް ހުސައިން ސަލާހުއްދީން ހައްދަވާފައިވާ މަޝްހޫރު ޅެން ”ނަނާ ހުވަފެން ދުށީމޭ“ ޅެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަކަލުކޮށްދެއްވައިފަ އެވެ.

ނައިފަރު ދޮހޮއްކޮގެ އަޑުން ކިޔާފައިވާ މި މަޝްހޫރު ޅެމުގެ ބައެއް ބައިތުތައް ނަޝީދު ވަނީ ނަކަލުކުރައްވައިފައެވެ. އަދި އެ ޕޯސްޓުގައި ވިދާޅުވީ، އެ ޅެމަކީ ދިވެހި ޅެންވެރިކަމުގެ ތެރޭގައި ވަރަށް އަގުބޮޑު ޖަވާހިރެއް ކަމަށެވެ.

އިބޫ އަލުން ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަށް ތައްޔާރުވަމުންދާއިރު، ނަޝީދު ވަނީ ރިޔާސި ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒް އިސްމާއީލަށް ތާއިދު ކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.