ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅާ އާ ސަފީރަކަށް ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސާ ޖަމީލާ އަލީ ހާލިދު އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެ މަގާމަށް ޖަމީލާ ހަމަޖެއްސެވުމަށްޓަކައި މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ރައީސް ފޮނުއްވި ރަސްމީ ސިޓީފުޅު މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު އެ މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
އިނގިރޭސި ވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. އޭނާ ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވުމާ ގުޅިގެން އެ މަގާމު އޮތީ ހުސްކޮށެވެ.
ޖަމީލާ ވަނީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޖަރުމަނުގައި ހުންނަވާ ސަފީރަކަށް އައްޔަންކުރައްވައިފަ އެވެ. މީގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަންވެސް ވަނީ ކުރައްވައިފަ އެވެ.


