ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރިން ހިމެނިވަޑައިގެންނެވި ގާނޫނީ ވަކީލު އާދަމް ޝަމީމް މިއަދު އައްޔަންކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބުނީ އާދަމް ޝަމީމަށް ކަމަށެވެ
އާދަމް ޝަމީމް މި މަގާމަށް އައްޔަންކުރެއްވި އިރު ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައެވެ.
އާދަމް ޝަމީމަކީ ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާތަކާ ގުޅިގެން ހިންގި ޝަރީއަތްތަކުގައި ޔާމީނުގެ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގެންނެވި އެއް ވަކީލެވެ.


