ގައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށް ވާންވާނީ އިއްޔެ އިން ފިލާވަޅު ލިބިގަނެގެން މާދަމާ ބިނާކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
ހއ. ބާރަށުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ, މުހައްމަދުތަކުރުފާނު ގެންގުޅުއްވި ހަރުދަނާ އުސޫލުތައް ދެނެގަންނަންޖެހޭ ކަމަށެވެ. އެގޮތުން އިއްޒަތާއި ލައްޒަތާއި އުފާވެރިކަން ދޫކުރައްވައި ދިވެހި ގައުމާއި އިސްލާމް ދީނުގެ ހައްގުގައި ނުކުމެވަޑައިގެން ދެއްކެވި ހިތްވަރަކީ މިއަދުގެ ދަރީން ދަސްކުރަންޖެހޭ ފިލާވަޅުތައް ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ, ގައުމިއްޔަތު ދިރުވާ އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭ އަދި މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ހަމައެކަނި ދައްކާލާ ވާހަކައަކުން ގައުމިއްޔަތު ދިރުވާ އާލާކުރެވޭނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
”އެ ގައުމެއްގެ ތާރީހު އެ ގައުމެއްގެ ރައްޔިތުންނަށް ނޭނގޭކަމަށްވަންޏާ އެ ގައުމެއްގެ ރަނގަޅުވާނީ ނުދެއްކިއްޔާ. މިއަދު މިއީ ދިވެހިރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހޭ ބުނީމާ އަޅުގަނޑުމެންގެ ގައިން ހީބިހި ނުނަގާކަމަށްވާނަމަ އަޅުގަނޑުމެންގެ އޮތީ ކޮން ގައުމިއްޔަތެއްހޭ. ހަނދާންތައް ހިތްމައްޗަށް އައިސް އެ އިހުސާސް ނުކުރެވެންޏާ އަޅުގަނޑުމެންގެ އޮތީ ކޮން ދިވެހިއްޔަތެއްހޭ. ގައުމީ ދުވަހޭ ބުނީމާ އަމިއްލަ ގައުމުގެ މާޒީ އަޅުގަނޑުމެންގެ ކުރިމައްޗަށް ސިފަވެގެން ނާންނަކަމަށްވަންޔާ ދެން ކޮބައިހެއްޔޭ އަޅުގަނޑުމެން, އަޅުގަނޑުމެންގެ ގައުމޭ ކިޔައިގެން އުޅުމުގެ ބޭނުމަކީ,“ އަބްދުއްރަހީމް ވިދާޅުވި އެވެ
އަބުދުއްރަހީމް އިތުރަށް ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވީ ވަރަށްވެސް މުހިންމު ވާހަކަތަކެއް ކަމަށެވެ. މިއަދުގެ ޒުވާނުންނާއި ކުޑަކުދިންވެސް އެ ވާހަކަތައް އަޑުއަހައި އަމަލު ކުރަން ޖެހޭ ކަމަށެވެ.


