ރާއްޖެއަށް ބޭނުންވާ ތެޔޮ ގަންނަން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.

”އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް“ ހިންގުމަށްޓަކައި އޭޑީބީން ނެގި ލޯނުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ގަސަން ޒަރީރެވެ. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފަރާތުން ޕްރޮޖެކްޓް އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމް އެވެ.

އޭޑީބީގެ ފަރާތުން އެ ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގް އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުން ކަމަށެވެ.

މި ލޯނުގެ އިންޓްރެސްޓެއް އަދި ލޯނު އަނބުރާ ދައްކަންޖެހެނީ ކިހާ ދުވަހަކުން ކަމެއް ސަރުކާރަކުން ހާމައެއް ނުކުރެ އެވެ.