ފެރާރީން އުފެއްދި ފުރަތަމަ ކަރަންޓު ކާރު, ނީލަމެއްގައި 40 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ. މިއީ އަލަށް ނެރުނު ކާރެއް, ނީލަމެއްގައި ވިކުނު އެންމެ ބޮޑު އަގެވެ.
ކެލިފޯނިއާގައި ބޭއްވި ’އާރްއެމް ސޮތެބީސް‘ ނީލަމުގައި މި ކާރު 40 މިލިއަން ޑޮލަރަށް ވިކުނުއިރު, މިއީ ފެރާރީ ލޫޗޭ ކާރެއްގެ އަގަށްވުރެ 35 ގުނަ ބޮޑު އަގެކެވެ.
ކާރު ގަތް މީހާގެ އެއްވެސް މައުލޫމާތެއް ސޮތެބީސް އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ކާރު ވިއްކައިގެން ލިބުނު ހުރިހާ ފައިސާއެއް ހަރަދުކުރަން ހަމަޖެހިފައިވަނީ ފެރާރީ ފައުންޑޭޝަންގެ ތައުލީމީ ޕްރޮގްރާމްތަކަށެވެ.
އައިފޯން ޑިޒައިނަރު ސާ ޖޯނީ އައިވްގެ ހިޔާލަށް ފަރުމާކޮށްފައިވާ ފެރާރީ ލޫޗޭ ބާޒާރަށް ނެރުނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިއީ އީލޮން މަސްކްގެ ޓެސްލާ އާއި ޗައިނާގެ ކަރަންޓު ކާރު މާކެޓަށް ފެރާރީން ވަން ފުރަތަމަ ފަހަރެވެ.
ނަމަވެސް މި ކާރާއެކު ފެރާރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މި ކާރަށް ފާޑުކީ މީހުންގެ ތެރޭގައި އިޓަލީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މަޓެއޯ ސަލްވީނީ އާއި ފެރާރީގެ ކުރީގެ ޗެއާމަން ލޫކާ ކޯޑޭރޯ ޑި މޮންޓެޒެމޯލޯ ހިމެނެ އެވެ.
ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ބެޓެރިން ދުއްވާ އަދި ފަސް މީހުންގެ ޖާގަ ހިމެނޭ މި ކާރަކީ ފެރާރީގެ ޒަމާންވީ ޑިޒައިންތަކާ ހިލާފު އަދި ބްރޭންޑްގެ އަސްލު ގެއްލޭ ގޮތަށް އުފައްދާފައިވާ އުޅަނދެކެވެ.
މި ފާޑުކިޔުންތަކާއެކު ފެރާރީ ލޫޗޭ ތައާރަފުކުރި ދުވަހުގެ އަނެއް ދުވަހު ފެރާރީގެ ހިއްސާގެ އަގުވެސް ދަށަށް ދިޔަ އެވެ.
ނަމަވެސް ފެރާރީގެ ޗީފް ޑިޒައިން އޮފިސަރު ފްލާވިއޯ މަންޒޯނީ މެއި މަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފާޑުކިޔުންތަކަކީ އާ އީޖާދުތައް ތައާރަފުކުރުމުގެ މަރުހަލާގެ ބައެއް ކަމަށާއި ލޫޗޭ ބަލައިގަންނާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
މި ކާރު ވިއްކުމަށް ކަނޑައަޅާފައިވާ ޓާގެޓް ފެރާރީން ހާމަކޮށްފައި ނުވި ނަމަވެސް، ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވަނީ، ޗައިނާގައި އޮތް ބޮޑު ޑިމާންޑުގެ ސަބަބުން މި އަހަރުގެ ޓާގެޓް މިހާރު ވަނީ ހާސިލުވެފަ އެވެ.


