ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ މުހިންމު މަޝްވަރާތަކުގައި އެލައިޑުން ބައިވެރިވެއްޖެ

އިމާރާތް ކުރުމުގެ ސިނާއަތަށް އަމާޒުކޮށްގެން ބާއްވާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް)ގެ ޕެނަލިސްޓެއް އަދި ސްޕީކަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް (އެލައިޑް) ބައިވެރިވެއްޖެ އެވެ.

އިމާރާތްކުރުމުގެ ދާއިރާއަށް ލިބެމުން އަންނަ ބޮޑެތި ކުރިއެރުންތަކާއި ދިމާވާ ގޮންޖެހުންތަކާއި އަދި ދާއިރާ އިން ލިބެން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ދާއިރާގެ މާހިރުންނާއި ކަމާގުޅުންހުރި ފަރާތްތައް އެއްތަނަކަށް އެއްވެ މަޝްވަރާ ކުރުމަށް ބާއްވާ ސީއައިއެފްގެ މި އަހަރުގެ ފޯރަމްގެ ރަސްމީ އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑެވެ.

ގްރޭންޑް ޕާކްސައިޑްގައި މިއަދު ބޭއްވި ސީއައިއެފްގައި އެލައިޑްގެ ކަސްޓަމަރު ސާވިސްގެ މެނޭޖަރު ހުސައިން ސަވާދު ވަނީ ”ދުނިޔޭގެ ހަމަނުޖެހުންތަކުގެ ދުވަސްވަރެއްގައި ސަޕްލައި ޗެއިންތައް އަލުން ބައްޓަންކުރުން“ މި މައުޟޫއަށް ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެ ސެޝަންގައި ސަވާދު ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ދިމާވެފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ސަޕްލައި ޗެއިންތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ބަދަލުވަމުންދާ ބާޒާރުގެ ހާލަތްތަކަށް ހޭނުމާއި އަދި ވިލުންތެރިކަން ވަރުގަދަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވައިފަ އެވެ.

މީގެ އިތުރުން މި ފޯރަމްގައި އެލައިޑްގެ އެސިސްޓެންޓް މެނޭޖަރު ސޭލްސް، މަރިޔަމް އަސްނާ ވަނީ ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ”އިމާރާތްކުރުމުގެ މަޝްރޫއުތައް ރައްކާތެރިކުރުން“ މި މައުޟޫއުއަށް ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ.

މި ޕްރެޒެންޓޭޝަންގައި މަޝްރޫއުއެއް ހިނގަމުންދާ މުއްދަތުގައި ކުރިމަތިވެދާނެ ނުރައްކާތަކާއި ކުއްލިއަކަށް ދިމާވާ ހާދިސާތަކުން އެ މަޝްރޫއުއެއް ރައްކާތެރިކުރުމަށްޓަކައި، ހަރުދަނާ ގޮތެއްގައި ރިސްކް މެނޭޖުކުރުމާއި އެކަށީގެންވާ އިންޝުއަރެންސް ހައްލުތައް ހޯދުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވައިފަ އެވެ.

އެލައިޑުން ދަނީ، އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ މިފަދަ ފޯރަމްތަކާއި މަޝްވަރާ ބައްދަލުވުންތަކުގައި ދާއިރާގެ ހިއްސާދާރުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގައި މި ދާއިރާއަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ދާއިރާއަކަށް ހެދުމަށް މުހިންމު ހިއްސާއެއް އަދާކުރަމުންނެވެ.