އެއްވެސް ގައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ހަދަނީ

އެއްވެސް ގައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިއުމާލު ކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ހެދުމަށް ސަރުކާރުން އަމާޒެއް ކަނޑައަޅައިފި އެވެ.

މި ގޮތަށް ނިންމާފައިވަނީ، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމުންތަކާއި ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމުންތަކަކާ ގުޅޭގޮތުން، ކެބިނެޓުގައި މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައެވެ.

ރައީސް އޮފީހުން ބުނީ، މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި އެއްވެސް ގައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ހާއްސަ އަމާޒުތަކެއް ކަނޑައެޅުއްވުމަށްވެސް ނިންމެވި ކަމަށެވެ.

އޭގެ އިތުރުން ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން، އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ ކޮމިޓީން ހިއްސާކުރެއްވި ކަންކަމަށް ރިއާޔަތްކުރައްވައި ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނުގައި ހިމަނުއްވައިގެން، ސްކޫލް ނިޒާމްގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރެއްވުމާ ގުޅޭ ކަންތައްތައް، އެޑިއުކޭޝަން މިނިސްޓްރީން ކޯޑިނޭޓްކުރާ ގޮތަށް، ހެލްތް މިނިސްޓްރީން ކުރިއަށްގެންދެވުމަށާއި އެ ކެމްޕޭން ވިލަރެސްކުރެވޭނޭ ނިޒާމެއް ކަނޑައެޅުމަށް ކެބިނެޓުން ނިންމެވި ކަމަށެވެ.

އަދި އެ ކެމްޕޭނުގައި، ރާއްޖޭގެ ވީހާވެސް ގިނަ މަދަނީ ޖަމިއްޔާތަކެއް ބައިވެރިކުރެއްވުމުގެ ގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި ކެމްޕޭނުގައި ބައިވެރިވާނޭ ފަރާތެއް ހެލްތު މިނިސްޓްރީން އެކަށައެޅުއްވުމަށާއި ކެމްޕޭނުގެ ފުރަތަމަ މަރުހަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމިއްޔާ އަދި މާލޭ ސަރަހައްދުން ގިނަ ޖަމިއްޔާތަކެއް ބައިވެރިކުރެއްވުމަށްވެސް ނިންމި ކަމަށް ރައީސް އޮފީހުން ބުންޏެވެ.