އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް, ހުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުން ނުވަތަ ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަގު ގައުމަކަށް ރާއްޖެ ހެދުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ކެބިނެޓުން ނިންމައިފި އެވެ.
ކެބިނެޓުން އެގޮތަށް ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. ނަމަވެސް އެކަން ހާސިލުކުރުމަށް ކުރައްވަން ނިންމަވާފައިވާ ކަންކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެކެވެ.
މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް 5 ޑިސެމްބަރު 2025 ގައި ތާޖުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ވާނުވާ ބަންދުގައި ތިބި މީހުންނާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެފަދަ ގޮތަކަށް ބަންދުގައި ތިބީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި 347 މީހުން ކަމަށާއި އެ މީހުން މުޖުތަމައުއަށް ދޫކޮށްނުލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ފަހުން 5 ޖަނަވަރީ 2026 ގައި ކްރިމިނަލް ކޯޓުން ވަނީ ވާނުވާ ބަންދުގައި ތިބި ހުރިހާ މީހުންގެ މައްސަލަތައް މި އަހަރު ނިމޭނެކަމުގެ އުންމީދު އެބަ އޮތް ކަމަށް ބުނެފަ އެވެ.
2026 ވަނަ އަހަރު ފެށުނުއިރު ބަންދުގައި ތިބި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް 2026 ވަނަ އަހަރު ނިމޭއިރު ބަންދުގައި ނުހުންނާނެ ކަމީ ކޯޓުގެ މަސައްކަތުގެ ދުވެއްޔާއި ކޯޓުގެ އަމާޒަށް ބަލާއިރު ހާސިލުވާނެ ލަނޑުދަނޑިއެއް ކަމާ މެދު ޝައްކެއް ނެތެވެ“ ކްރިމިނަލް ކޯޓުން ބުންޏެވެ.


