ޒާތީ ދިރިއުޅުމުގައި ދިމާވާ ބޮޑެތި ކަންކަމާ ގުޅިގެން ކުރިމަތިވާ ނަފުސާނީ ހިތްދަތިކަމަކީ ވަޒީފާއިން ޗުއްޓީ ނެގުމަށް އެކަށީގެންވާ ސަބަބެއްގެ ގޮތުގައި ބަލަންޖެހޭނެތޯ ނުވަތަ ނޫންތޯ، މިއީ ވަޒީފާދޭ ފަރާތްތަކަށް މިހާރު ކުރިމަތިވެފައިވާ މުހިންމު ސުވާލެކެވެ.
ބެންގަލޫރުގެ ފިންޓެކް ކުންފުންޏެއް ކަމަށްވާ ސްޓޮކްގްރޯ އިން މި ސުވާލަށް ވަނީ 2024 ގައި ޖަވާބު ދީފަ އެވެ. އެ ކުންފުނިން އެ އަހަރުގެ އޭޕްރީލްގައި އިއުލާން ކުރި ޕޮލިސީއެއްގައިވާ ގޮތުން، ލޯބީގެ ގުޅުމެއް ނިމުމަކަށް އައުމުން ނުވަތަ ވަރިވުމާއި ގުޅިގެން ކުރިމަތިވާ ނަފުސާނީ ހިތްދަތިކަމުން އަރައިގަތުމަށް މުވައްޒަފުންނަށް ހަފްތާއެއްގެ ޗުއްޓީއެއް ނުވަތަ ’ބްރޭކް-އަޕް ލީވް‘ އެއް ނެގިދާނެ އެވެ.
އަދި އިތުރު ވަގުތު ބޭނުންވާ ކަމަށް ފެންނަ ނަމަ، މެނޭޖްމަންޓާ މަޝްވަރާ ކޮށްގެން ޗުއްޓީގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ވެސް އެ ޕޮލިސީގެ ދަށުން ލިބެ އެވެ.
ސްޓޮކްގްރޯގެ ބާނީ އަޖޭ ލަކޯޓިއާ ވިދާޅުވި ގޮތުގައި، ކުންފުނިން މުވައްޒަފުންނާ ދޭތެރޭ ދެކެނީ އާއިލާއެއްގެ ގޮތުގައެވެ. ޒާތީ ދިރިއުޅުމުގައި ކުރިމަތިވާ މިފަދަ އުނދަގޫ ދަނޑިވަޅުތަކުގައި އެ ފަރާތްތަކަށް އެއްބާރުލުން ދޭން ބޭނުންވެ އެވެ. އެހެންވެ މި ޕޮލިސީ ބިނާވެފައިވަނީވެސް އިތުބާރުގެ މައްޗަށެވެ. ޗުއްޓީ ނެގުމުގެ ކުރިން ގުޅުން ނިމުމަކަށް އައިކަމުގެ އެއްވެސް ހެއްކެއް އަދި އެކަމާއި ގުޅިގެން އެއްވެސް ސުވާލެއް މުވައްޒަފުންނާ ނުކުރާނެ އެވެ.
ހަތް ދުވަހުގެ މި ޗުއްޓީއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މިފަހުން ބައެއް މީޑިއާތަކުންވެސް ވަނީ މި ހަބަރު އަލުން ޝާއިއުކޮށްފަ އެވެ.
އާންމުން ދެކޭ ގޮތުގައި އާންމުކޮށް ވަޒީފާގެ މާހައުލުގައި ޗުއްޓީ ދެވެނީ ބަލިވުމުން ނުވަތަ އާއިލީ ޒިންމާއަކަށް ނުވަތަ މީހަކު މަރުވުން ނުވަތަ މިނޫންވެސް އާންމު ސަބަބުތަކަށް ކަމަށްވެފައި، ލޯބީގެ ގުޅުންތައް ނިމުމަކަށް އައުމުން ޗުއްޓީ ދިނުމަކީ ބަލައިގަންނަންޖެހޭ ކަމެކެވެ. މިކަމާ ކިޔުންތެރިޔާ ދެކެނީ ކިހިނެތް؟


