ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓް ކައިރިން ކުއްލިއަކަށް މަގު ހުރަސްކުރި ކުއްޖެއްގެ ގައިން ނެއްޓެން އުޅުނު ސައިކަލެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:03 ހާއިރު ހިނގި އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން ސައިކަލު ދުއްވާފައި ދަނިކޮށް ކުރިމަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުން، އެ ކުއްޖާގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން އެ އެކްސިޑެންޓުގައި ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައި ނުވި ނަމަވެސް ސައިކަލު ދުއްވަން އިން މީހާއަށާއި ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


