އީރާނުގެ ދެކުނުގައި އޮންނަ ސިރީކްގައި ބޭއްވި ކައިވެނި ޕާޓީއަކަށް އަމާޒުކޮށް އެމެރިކާ އިން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން މަރުވެފައިވާ ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި ކުހެސްތަކް ސިޓީގެ ގެއަށް ބޭއްވި އެ ކައިވެނި ޕާޓީއަށް ދިން އަނިޔާވެރި ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.
”އަމިއްލަ އިހުތިޔާރުގައި ފެށި މި ޣައިރުގާނޫނީ ހަނގުރާމައިގެ ހަގީގަތާއި އަދި ހަނގުރާމައިގެ ޖަރީމާގެ އަސްލު ސޫރަ ފެންނަން އޮތީ ސިރީކްއިން، އެއީ އެމެރިކާގެ ނާކާމިޔާބީ ފޮރުވުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި ކައިވެނީގެ ހަފުލާއަކަށް ރަހުމެއްނެތި ބޮންއެޅުން,“ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަގާއީ ވިދާޅުވިއެވެ.
އެ ހަމަލާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 50 އަށްވުރެ ގިނަ މީހުންނަށް އަނިޔާވި އިރު, ހަމަލާއާ ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމަށް އެދި އިރާނިއަން ރެޑް ކްރެސެންޓް ސޮސައިޓީ (އައިއާރުސީއެސް) އިން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ.
އީރާންގެ ސެމީ އޮފިޝަލް ފާސް ނިއުސް އެޖެންސީން ވަނީ އެ ގޮވުމުން ސަލާމަތްވި ކުއްޖެއްގެ ވާހަކަ ވެސް ޝާއިއުކޮށްފައެވެ. އެ ކުއްޖާ ވީޑިއޯއެއްގައި ބުނެފައިވަނީ، ހަފުލާ ބޭއްވި ތަނަށް ދެވުމުގެ ކުރިން އަސްކަރީ ޖެޓްތަކުގެ އަޑު އިވުނު ކަމަށެވެ.
”އަހަރެމެން އެތަނަށް ދިޔަތަނާހެން ބާރުގަދަ ގޮވުމެއް ގޮވި. އެއީ ވަރަށް ބާރުގަދަ ގޮވުމެއް. އަހަރެންގެ މޫނާއި ބޮލުގައި އެޅިގަލާއި، ހިލަ އަދި ސިމެންތި ބުރައިގެން އައިސް ޖެހުނު، އަދި އިތުރު އެތައް ބަޔަކު ޒަޚަމްވި،“ އެކުއްޖާ ބުންޏެވެ.


