ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ކުރައްވާ ކޮންމެ ކަމަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން ކުރައްވާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް އެހެން ވިދާޅުވީ, ބޭރު ފައިސާގެ ގާނޫނަށް މިފަހުން ގެނައި އިސްލާހާއެކު ރިސޯޓްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް ރުފިޔާއަށް މާރުކުރަން ލާޒިމުކުރުމާއި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާ ދައުލަތަށް ގަންނަން ރައީސް ނިންމެވި ނިންމެވުންތަކަށް އިދިކޮޅު ފަރާތްތަކުން ކިޔާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ, އިދިކޮޅު ވާދަވެރިން އެ ކަންކަމަށް ފާޑުކިޔަނީ ވެރިކަމަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކަމަށެވެ. ނަމަވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓް މާރުކުރާ ގޮތަށް ހެދުމަކީ މީގެ ވިއްސަކަށް ނުވަތަ ތިރީހަކަށް އަހަރު ކުރިން ކޮށްފައި އޮންނަންޖެހޭ ކަމެއް ކަމަށާއި އެކަން އޭރު ކުރި ނަމަ މިއަދު ބޭރު ފައިސާ ނުލިބިގެން އުޅެން ނުޖެހުނީސް ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ, ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގެ ބްލެކް މާކެޓުގައި ޑޮލަރުގައި 23 ރުފިޔާއަށް ހުރި ޑޮލަރު 19 ރުފިޔާއަށް އަދި ބައެއް ހާލަތުގައި 18 ރުފިޔާ ކޮންމެވެސް ވަރަކަށް ލިބެން ފަށާފައިވާ ކަމަށާއި މިއީ ރައްޔިތުންނަށް އަދި ވިޔަފާރިވެރިންނަށްވެސް ލިބުނު ފައިދާއެއް ކަމަށެވެ.
”އެހެންވީމާ މި ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އެ ކުރައްވާ ކޮންމެކަމެއް އެ ކުރައްވަނީކީ ކޮންމެހެން 2028ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ފައިދާވެދާނެ ކަމަކަށް ނޫން. އެއަށްވުރެ ބޮޑަށް ގައުމަށް ވިސްނާވަޑައިގެން. އެހެން ނޫންނަމަ ދެވަނަ ދައުރެއް ހޯއްދަވަން ބޭނުންފުޅުވާ ނަމަ، މި ހުރިހާކަމެއް ނުކުރައްވާނެތާ. ނުކުރައްވައި އިންތިހާބަށް މަގުފަހިވާ ގޮތަށް ނޫންތޯ މަސައްކަތްކުރައްވާނީ,“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ބަޔަކަށް ކުރިން ކުރަން ނުކެރުނު ކަމެއް އޮތަސް, އެ ކަމަކީ ގައުމުގެ ހައްގުގައި ކުރައްވަންޖެހޭ ކަމެއް ނަމަ އެކަމެއް ކުރެއްވުމަކީ ރައީސް މުއިއްޒު އިސްކަންދެއްވާ ކަމެއް ކަމަށެވެ. އެ ހިތްވަރުވެސް އެ މަނިކުފާނުގެ ހުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.


