”ޑުރަގް ކެފޭ“ އެއް ހިންގަން ހުއްދަ ދިން ގެއެއްގެ ވެރިފަރާތް 10 އަހަށް ޖަލަށްލައިފި

ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓު ހުންނަ އިމާރާތް ---

މާލޭގައި ޑުރަގުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ގެއެއްގެ ވެރިފަރާތް 10 އަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ ގ. ޕެލިކަން ގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް ނާޒިމް ނަމަކަށް ކިޔާ މީހެކެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުލަތުން އުފުލީ ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް, ޑުރަގެއް ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލުކުރެވޭ ހާލު, ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ, އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ދައުވާ އެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލީ 20 ޖަނަވަރީ 2026 ވަނަ ދުވަހު ގ. ޕެލިކަން ގޭގައި ޑުރަގުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު, އެ ގޭގެ ތެރެއިންނާއި ފާހާނާގެ އެކި ތަންތަނުން ގިނަ އަދަދެއްގެ ކެނެބިސް ފެނިފައިވާތީ އާއި އެ ގެއަކީ ޑުރަގް ގަންނަން ލިބޭ އަދި ޑުރަގް ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ހުށެހެޅުނު މައްސަލަތަކާ ގުޅިގެން, ތަފާތު އެކިފަހަރު މަތިން އެ ގެއަށް ފުލުހުން ގޮސް މީހުން ހައްޔަރުކޮށް ތަހުގީގު ހިންގިފައިވާ ގެއަކަށްވާއިރުވެސް ގޭގެ ވެރިފަރާތް, ނާޒިމް އެކަން ހުއްދަކޮށްފައިވާތީ އެވެ.

ނަމަވެސް މި ދައުވާއަށް ޖަވާބުދާރީވަމުން ނާޒިމް ވަނީ, އެ ތަނުގައި އޭނާ ހުއްޓައި އެކަހަލަ ކަމެއް ނުކުރާ ކަމަށާއި ފުލުހުންނަށް އެއްބާރުލުން ދީފައިވާނެ ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ނަމަވެސް މައްސަލައާ ގުޅިގެން ދައުލަތުންނާއި ނާޒިމް ކޯޓަށް ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް މައްސަލަ ބެއްލެވި ގާޒީ މިސްބާހު މުހައްމަދު ވިދާޅުވީ, ގ. ޕެލިކަން ގޭގައި ނާޒިމް ހަދާފައިވާ ތިން ބުރީގެ އިމާރާތުގައި ޑުރަގުގެ އެކިއެކި ކުށްތައް ހިންގަމުން އަންނަކަމާއި 2014 ވަނަ އަހަރުން ފެށިގެން ޑުރަގުގެ ކުށްތައް އެ ގޭގައި ހިންގަމުން އަންނަކަން ރެކޯޑްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ތަނަކީ ކޮންޓިއުނަސްކޮށް ޑުރަގް ވިއްކުމާއި އޭގެ ވިޔަފާރިކުރުމާއި އެ ނޫންވެސް ޑުރަގާ ގުޅޭ ކަންތައް ހިންގުމަށް ބޭނުންކުރަމުން އަންނަ ތަނެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ވިދާޅުވި އެވެ.

ގާޒީ މިސްބާހު ވިދާޅުވީ, އެ ގެ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގައި އިސްލާމްދީނާ ހިލާފު އެއްވެސް އަމަލެއް އެތަނުގައި ހިންގުމަކީ އެއްބަސްވުން ބާތިލުކޮށް ތަން ހުސްކުރުމަށް ލިޔުމުން އެންގޭނެ ހާލަތެއްކަމާއި އެ ބާރު އެ ގޭގެ ވެރިފަރާތް, ނާޒިމްއަށް އެއްބަސްވުމުގެ ދަށުން ލިބިދީފައި އޮތް ނަމަވެސް ޑުރަގުގެ އެކިއެކި ކުށްތައް އެތަނުގައި ހިންގަމުން އަންނަކަމުގެ ނޯޓިސްދީ, އެކަން ހުއްޓުވުމަށް ފުލުހުން ނާޒިމަށް އަނގަމުން އައި ނަމަވެސް, އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

އެހެންކަމުން މައްސަލައާ ގުޅިގެން ހުށަހެޅުނު ހެކިތަކާއި ނާޒިމް ޝަރީއަތުގައި ދެއްކި ވާހަކަތައް އެކުއެކީގައި ކިޔާލުމުން އޭނާގެ އަމަލުތަކާއި ތަސައްރުފާތައް ހުރީ އެތަނުގައި ހިންގަމުން އައި ޑުރަގުގެ ވިޔަފާރި ކުރުމާއި އެ ނޫންވެސް އެ ބާވަތުގެ ކުށްތައް ހުއްޓުވުމަށް ނޫންކަން ސާފުކަން އެނގޭ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އެހެންވެ ގާޒީ މިސްބާހު ހުކުމް ކުރެއްވީ ނާޒިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވާ ކަމަށެވެ. އަދި އެ ދައުވާގެ އަދަބެއްގެ ގޮތުގައި އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ.