ސަރުކާރު ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަބަދުވެސް މަސައްކަތް ކުރަނީ ވަރަށް ސާފު ހިތަކާއެކު ވަރަށް އިހުލާސްތެރި ނިޔަތެއްގައި އަދި ވަރަށް މާތް މަގުސަދެއްގައި ކަމަށް ރައީސް އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސް ފެށުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އެންމެ ފުރަތަމަ ގައުމު އެއީ ޕީއެންސީގެ ޝިއާރުކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން އެއް ޓީމެއްގެ ގޮތުގައި ވަރުގަދަ ރޫހެއްގައި ގައުމާއި ޕާޓީގެ މަސްލަހަތު ކުރިއަށް ނެރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އަދި ރާއްޖޭގެ ސިޔާސީ މައިދާން މިހާރު އޮތް ހާލަތުން ފުރިހަމަ ހާލަތަކަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަމުގައި ޕީއެންސީން މިސާލު ދައްކާނެކަން ޔަގީންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ޕީއެންސީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް ކަމަށާއި މި ޕާޓީން ވަކި މީހެއްގެ މަސްލަހަތު އިސްނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި ޕީއެންސީން އިސްކުރަނީ ގައުމާއި ގައުމިއްޔަތާއި ދީނާއި ދިވެހިންގެ ސަގާފަތާއި އަމިއްލަވަންތަކަން ކަމަށް ވިދާޅުވި އެވެ.
”އެހެންވީމާ މި މާތް މަގުސަދުގައި ވަރަށް ސާފު ހިތަކާއެކުގައި, ވަރަށް އިހުލާސްތެރި ނިޔަތެއްގައި ވަރަށް މާތް މަގުސަދެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެން ކޮންމެ ބޭފުޅަކުވެސް މަސައްކަތްކުރަނީ. އެހެންވީމާ, އަޅުގަނޑު އެދެނީ މި ގޮތުގައި ވަރަށް ބަދަހި ގުޅުމަކާއެކީގައި ވަރަށް އުފަލާ އެކީގައި ވަރަށް އެކުވެރިކަމާ އެކީގައި ކުރިއަށް ވަޑައިގެންދެއްވުމަށް,“ ރައީސް ވިދާޅުވި އެވެ.


