މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މިއަދު މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އަންވަރު ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވެވި މިރަސްމިއްޔާތުގައި، އަންވަރަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ސަގާފީ ހުށަހެޅުމެއް ހުށަހަޅައިދިނެވެ. އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވަނީ 21 ބަޑީގެ ސަލާމެއް އަރުވައިފަ އެވެ.
މި ރަސްމިއްޔާތުގައި އަންވަރު ވަނީ އެ މަނިކުފާނުގެ ޝަރަފުގައި ބޭއްވި ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވައިފަ އެވެ. އެއަށްފަހު، އެ މަނިކުފާނަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރުހަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމާއި މެލޭޝިއާގެ ވަފުދުގެ ބޭފުޅުން ތައާރަފުކޮށްދެއްވުން ވެސް އޮތެވެ.


