ޑިމޮކްރަސީގެ އަމަލީ ސިފަ ފެންނާނީ ވެރިކަން ހިންގާ ގޮތުންނާއި ރައްޔިތުންގެ އަޑު އަހާ ގޮތުން: ރައީސް

ޑިމޮކްރަސީގެ އަމަލީ ސިފަ ފެނިގެންދާނީ ގައުމުގައި ވެރިކަން ހިންގާ ގޮތުންނާއި ހައްގުތައް ރައްކާތެރިކުރެވޭ މިންވަރުންނާއި ރައްޔިތުންގެ އަޑު އަހާ ގޮތުންނާއި އަދި ވެރިކަމުގެ ބާރުތަކުގައި ތިބި ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ, ޑިމޮކްރަސީ ދެމިއޮންނާނީ ރައްޔިތުންގެ އަޑު އަހައި, އެ މީހުންގެ ހައްގުތައް ހިމާޔަތްކޮށް, އަދި ވެރިކަމުގެ ބާރުތައް ހަވާލުކުރެވިފައިވާ ފަރާތްތަކުން އެ ހިދުމަތްކުރާ ރައްޔިތުންނަށް ޖަވާބުދާރީވެގެން ކަމަށެވެ.

އަދި ޑިމޮކްރަސީ ރައްކާތެރިކޮށް, ވަރުގަދަކޮށް, އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަކީ ކޮންމެ ޖީލެއްގެވެސް ޒިންމާއެއް ކަމަށާއި އެކަން ފެށެނީ ޑިމޮކްރަސީގެ އަސްލު މާނަ ކަމުގައިވާ ހައްގުތައް ހިމާޔަތްކުރުމާ ހަމައިން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ހަމަހަމަކަމާއި ކަރާމާތް އަދި މާނަވީ ބައިވެރިވުމަކީ ޑިމޮކްރަސީ ބިނާވެފައިވާ މައިގަނޑު ބިންގާ ކަމަށެވެ.

އަދި އެ ބިންގާތައް ހަރުދަނާކުރުމަށް ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި ޖަވާބުދާރީވުން ހަރުދަނާކުރުމާއި މުއައްސަސާތައް ވަރުގަދަކުރުން އަދި ގައުމީ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމަށް އަހައްމިއްޔަތުކަން ދެއްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.