ސަރުކާރު ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަސައްކަތް އަދި ފެށުނީ ކަމަށާއި ޕާޓީން ދެން އަމާޒު ހިފަންވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރިގޮތަށްވުރެ ފަސޭހައިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދޭން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ މަތީ މަޖިލިސް އިފުތިތާހު ކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ, ކުރު މުއްދަތެއްގެ ތެރޭގައި އަށްޑިހަ ހާހެއްހާ މެންބަރުން ޕީއެންސީއާ ގުޅުމުގެ އެންމެ ބޮޑު ސަބަބަކީ މި ޕާޓީން ދިވެހި ގައުމާއި ދިވެހިން އިސްކުރާތީ ކަމަށެވެ.
އެއާއެކީގައި ޕީއެންސީގެ ދިދަ އުފުއްލަވަން ހުންނެވި ލީޑަރަކީ ވަތަނީ ލީޑަރަކަށްވީކަމަކީ ވެސް ޕީއެންސީއާ އެހާ ގިނަ މެންބަރުން ގުޅުނު ސަބަބެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
”ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ގުޅިފައި އޮތީ ޕީއެންސީއާ. ކޮންގްރެސް ޕާޓީއާ. ދިވެހި ރައްޔިތުން ބޭނުންވާ އަމާންކަމާއި ހިމޭންކަމާއި އޮމާންކަން ގެނެސްދެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސަތުގެ ދަށުން ޕީއެންސީ ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމަށް އައިސްގެން,“ އަބްދުއްރަހީމް ވިދާޅުވި އެވެ.


