ކުރީގެ ރައީސް އަދި އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން މުހައްމަދު ނަޝީދަކީ ވަރަށް ހިތްތިރި، ބަލިގަބޫލުކުރައްވަން އެނގިވަޑައިގަންނަވާ އަދި ޑިމޮކްރަސީއަށް ފައްކާވެފައި ހުންނެވި ލީޑަރެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އެ މަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމުގައި މި ވަގުތު ހުންނެވި ނިހާން ނަޝީދަށް ތައުރީފު ކުރެއްވީ ވެރިކަންކުރާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ރަސްމީކޮށް ފެށުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގެންނެވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނިހާން ވިދާޅުވީ، ރައީސް ނަޝީދުގެ ސިޔާސީ ވިސްނުމާއި ފިކުރަށް ދުވަހަކުވެސް އޭނާ ތާއީދު ނުކުރެއްވި ނަމަވެސް، އެ މަނިކުފާނަކީ އާދަޔާ ޚިލާފު ޝަހްސިއްޔަތެއްކަން ހާމަވާ ކަންކަން އެ މަނިކުފާނު ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވާދަވެރި ދެވަނަ ބުރުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން ކާމިޔާބު ހޯއްދެވި އިރު، އިންތިހާބުން ނާކާމިޔާބުވިތާ 13 ގަޑިއިރު ތެރޭގައި އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެ މަނިކުފާނު ވަޑައިގެންނެވި ހާދިސާ ނިހާން ފާހަގަކުރެއްވި އެވެ.
”ސިޔާސީ މީހުންގެ ފިސާރި ހަންބޯވާންވާނެ އެވެ. އަދި ބަލިވުމާއި މޮޅުވުން ގަބޫލުކޮށް ހިތްތިރި ކަމާއެކު އެންމެނާ އެކު އުޅެވެން ޖެހޭނެއެވެ،“ ނަޝީދަށް ޝުކުރު އަދާކުރައްވަމުން ނިހާން ވިދާޅުވެފައިވެ އެވެ.


