ރަސްމާލޭގައި މެރީނާއެއް ހަދަން ޔޫއޭއީގެ ކުންފުންޏަށް, މަޝްރޫއުގެ އަގު 20 ބިލިއަން ޑޮލަރު!

އީގަލް ހިލްސް އިން ހިންގާ މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރަންޓް މަޝްރޫއުގެ ދަށުން އެ ކުންފުނިން ހަދާފައިވާ ކުރެހުމެއް --- ފޮޓޯ: އީގަލް ހިލްސް ވެބްސައިޓް

މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގައި މެރީނާއަކާއި ވޯޓާފްރަންޓެއް ހަދަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެންމެ މަޝްހޫރު އެއް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަބޫ ދާބީގެ ޕްރައިވެޓް ޑިވެލޮޕަރު, އީގަލް ހިލްސް ކުންފުނިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ 20 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މުހައްމަދު އަލައްބާރު އެވެ.

އަލައްބާރުއަކީ ބުރުޖް ހަލީފާ އަދި ދުބާއީ މޯލްގެ ޑިވެލޮޕަރު, އިމާރް ޕްރޮޕަޓީސްގެވެސް ފައުންޑަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އިންވެސްޓްމަންޓުގެ ދަށުން ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ މެރީނާއެއްގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ޕްރިމިއަން އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ވޯޓާފްރަންޓަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތައް އަދި ހިތްހަމަޖައްސާލުމަށާއި ދުޅަހެޔޮކަމުގެ ހިދުމަތްދޭ މަރުކަޒުތައް ގާއިމުކުރާނެ އެވެ.

ނަމަވެސް މި މަޝްރޫއުއަށް ފައިސާ ހަމަޖައްސާނެ ގޮތުގެ ތަފުސީލާއި މަސައްކަތް ކުރިއަށްދާނެ ތާވަލާއި އީގަލް ހިލްސް އިން ސީދާ އިންވެސްޓްކުރާނެ ފައިސާގެ އަދަދުގެ ތަފުސީލު ހާމަކޮށްފައެއް ނުވެ އެވެ.