ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓެއް ހަދަން ދިނުމުގެ މުގާބިލުގައި އެ ކުންފުނިން ހަދައިދޭން އެއްބަސްވި 5,000 ހައުސިން ޔުނިޓް ހަދާނީ ހުޅުމާލޭގެ ޓޫރިޒަމް ޒޯންގެ ގޮތުގައި އިސްތިހާރު ކުރަމުންދިޔަ ބިމުގައިކަން އެނގިއްޖެ އެވެ.
އެކަން އެނގުނީ އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައެވެ. އެ ވީޑިއޯ އިން ފެނިގެންދަނީ ހުޅުމާލެ ފޭސް 3ގެ ވިޝަން މާސްޓާޕްލޭންގެ ނަމުގައި އެ ސިންގަޕޫރުގެ ވާއު އާކިޓެކްޓްސް އިން ހަދާފައިވާ މާސްޓްޕްލޭނެކެވެ. އެ ކުންފުންޏަކީ ރާއްޖެގައި ހިންގާ ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް ޑިޒައިންކުރި ކުންފުންޏެވެ.
އެ ވީޑިއޯގައި ފެންނަ ގޮތުން 5,000 ހައުސިން ޔުނިޓް ހަދަން ނިންމާފައިވަނީ ”އާބަން އައިލް“ގެ ނަމުގައި ހުޅުމާލޭގެ ޓޫރިޒަމް ޒޯންގައެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން އެއީ ގާތްގަނޑަކަށް 23 ހެކްޓަރުގެ ބިމެކެވެ.
މުއްތަލިބް ހިއްސާކުރެއްވި ވީޑިއޯ އިން ފެންނަ ގޮތުން ފްލެޓްތަކާއެކު އެތަން ތަރައްގީކުރަން ނިންމާފައިވަނީ ވަކި ސަހަރެއްގެ ގޮތުގައެވެ. އެގޮތުން އެތަނުގައި ފުޓްބޯޅަ ދަނޑަކާއި އާޓިފިޝަލް ބީޗެއްވެސް އޮންނައިރު, ޕޫލް އާއި ބޮޑު ދެ މިސްކިތްވެސް ހުންނާނެ އެވެ. އަދި ކުޅިވަރު ކުޅޭނެ ތަންތަނާއި ކެފޭތައްވެސް ހަދަން ވަނީ ނިންމައިފަ އެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ އާބަން އައިލްގެ މުޅި ޕްލޭން ބަދަލުކޮށްގެން އެތަނުގައި 5,000 ފްލެޓް ހަދަން ނިންމި އިރު, އެތަނުގައި ހަތް އިމާރާތެއް ހަދަން ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕާއެކު 2024 ވަނަ އަހަރު ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިންނެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ހިންގަން ރާވާފައިވާ ޕްރޮޖެކްޓުގެ އަގަކީ 50 މިލިއަން ޑޮލަރެވެ.


