ދައުލަތުގެ ތިން ބާރުގެ އިމާރާތްތައް ކަމަށްވާ ރައީސްގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ހިތްވަރުދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ތިން އިމާރާތުގައި ހުޅުޖަހަން ގޮވާލައި ޕޯސްޓް ކޮށްފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން އެވެ.
ފުލުހުންގެ ރަސްމީ ތަރުޖަމާން އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މީޑިއާތަކަށް ވިދާޅުވީ، ޒިހާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ފުވައްމުލަކުން ކަމަށެވެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ޒިހާން ފޭސްބުކްގައި އިނގިރޭސި ބަހުން ކުރި ޕޯސްޓުގައި ވަނީ ސްޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިސް އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.
”ރޯކޮށްލައިފިއްޔާ މަޖާވާނެ،“ އޭނާގެ ސްޓޭޓަސްގައި ބުނެފައިވެ އެވެ.
ނަމަވެސް އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ނަގައިފަ އެވެ.


