އޮކްޓޯބަރ 6, 2024

ގޯއްޗާއި ފްލެޓް ހަވާލުކުރުމަށް ސޯލިހު، ރައީސް މުއިއްޒަށް ގޮވާލައްވައިފި

އެމަނިކުފާނުގެ ސަރުކާރުން އެޅި ގޯއްޗާއި ދިން ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލުކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އާދަމް އާޒިމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ ލަސްނުކޮށް އަވަހަށް ގޯއްޗާއި ފްލެޓް ހަވާލުކޮށްދިނުމަށް ގޮވާލައްވައިފައެވެ.

”ރައީސް މުއިއްޒަށް އަޅުގަނޑު ދަންނަވާނީ ލަސްނުކުރައްވާށޭ. މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދިން ގޯތިތައް މިއަދުން މިއަދަށް ހަވާލު ކުރައްވާށޭ. ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ. ފްލެޓުތައް ހަވާލު ކުރައްވާށޭ،“ އެމަނިކުފާނު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވިގޮތުގައި މިއަދު މާލޭ ރައްޔިތުން ރައީސް މުއިއްޒަށް ދިނީ މެސެޖެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ދޮގާއި މަކަރު ހެދިކަން ހާމަވަމުންދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

”މާލޭގެ ރައްޔިތުން މިއަދު މެސެޖެއް ދީފި. ހަތްދިހަ އެއް ޕަސެންޓު މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފި. ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް މާލޭ ރައްޔިތުން ނުކުމެ މި ސަރުކާރަށް ނޫނެކޭ އެ ބުނީ، ސިޔާސަތުތަކަށް ނޫނެކޭ އެ ބުނީ ސަބަބެއް ނެތިއެއް ނޫން. މި ސަރުކާރު ވެރިކަމަށް އައި ގޮތާއި ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފުރަތާއި ހެދި ދޮގުތައް މިއަދު ހާމަވާން ފަށައިފި. ސަރުކާރުގެ އަސްލު ސިފަ ހާމަވާން ފަށައިފި،“ އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ އިންތިހާބު އާޒިމް ކާމިޔާބު ކުރެއްވީ ބޮޑުތަފާތަކުންނެވެ.