ގއ. ވިލިނގިލިން މާލެ ގެނައިފަހުން ނިޔާވި ކުއްޖާގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކު ކަަމަށް ރައީސް އޮފީހުން ބުންޏެވެ. މި ހިތާމަވެރި ވަގުތުގައި، މަރްޙޫމް މުޙައްމަދު ޖާހު ޚާލިދުގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއެވެ.
މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފައެވެ.
އަދި، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެދިވަޑައިގެންފައެވެ.
މިއަދު މި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ހެޔޮ ދުޢާތައް ވަނީ މަރުޙޫމް މުޙައްމަދު ޖާހު ޚާލިދާއި އެ މަރުޙޫމްގެ ޢާއިލާއާ އެކު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގުޅުންހުރި
ކުރިމަގުގެ ޖީލު އެދެނީ ގާޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވާނެ ހިތްވަރެއް: ރައީސް
ރަމަޟާން މަހަކީ މާތް އަޚްލާޤާއި ރިވެތި އާދަތައް އަށަގެންނެވުމަށް ރަނުގެ ފުރުސަތެއްގެ
ތުޅާދޫ އެއާޕޯޓްގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނަން: ރައީސް
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު ރައީސް އުފައްދަވައިފި
ރައީސް ޝީ ޖިންޕިން ރައީސް މުއިއްޒަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފި