ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
އެނގިފައިވާ ގޮތުގައި ފައިސަލް މިއަދު ވަނީ ޖޭޕީން ވަކިވެވަޑައިގަންނަވަން ސިޓީ ފޮނުއްވައިފަ އެވެ. އެކަން އެ ޕާޓީގެ އިސް އޮފިޝަލަކު ވަނީ ”ހަފްތާ“ އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ފައިސަލް، ޖޭޕީން ވަކިވެވަޑައިގަތުމުގެ ކުރިން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ މަޝްވަރާ ކުރައްވައި، އެ ޕާޓީން ލިބިވަޑައިގެންނެވި ފުރުސަތުތައް ފާހަގަ ކުރައްވައި ގާސިމަށް ޝުކުރު އަދާކުރެއްވިކަން ވެސް އެނގިފައިވެ އެވެ.
ފައިސަލް ޖޭޕީން ވަކިވެވަޑައިގެންނެވި ސަބަބެއް ނޭނގެ އެވެ. ނަމަވެސް ފައިސަލްއާ ގާތް ބޭފުޅަކު ”ހަފްތާ“ އަށް ވިދާޅުވީ، އެ ޕާޓީން ފައިސަލް ވަކިވެވަޑައިގަތީ ސިޔާސީ ގޮތުން ކުރިޔަށް ދެވޭނެ ފުރުސަތު ނެތުމުންނެވެ.
ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފައި މިވަނީ 16 އަހަރަށްފަހު އެވެ. ނަމަވެސް ފައިސަލްގެ ސިޔާސީ ހަޔާތް ފެއްޓެވީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އިންނެވެ. ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު، 2005 ގަ އެވެ.
ފައިސަލް ޖޭޕީއާ ގުޅިވަޑައިގަތީ 2008ގެ ފަހުކޮޅު އެވެ. އެ ފަހުން ޖޭޕީގެ މެންބަރެއްގެ ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރަކަށް ފައިސަލް ހޮވިވަޑައިގަތެވެ.
އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި އިރު، އެ މަނިކުފާނުގެ ރަނިންމޭޓަކަށް ވުމަށް ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓު ކާމިޔާބު ކުރެއްވީ ފައިސަލް އެވެ.
ފައިސަލްއަކީ އާ ގާނޫނުއަސާސީގެ ދަށުން ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ އަދި ހަމައެކަނި ނައިބު ރައީސް އެވެ.

ގުޅުންހުރި
ރައީސްގެ ވަޓްސްއެޕް ޗެނަލެއް، 6 ގަޑިއިރު ތެރޭ 2،000 މީހުން ވަދެއްޖެ
މިއަދަކީ އެކްސްޕޯ 2025 ގެ ފަހު ދުވަސް، 40 އެގްޒިބިޓަރުން ބައިވެރިވި!
ކޮރަޕްޝަންގެ މައްސަލައެއް ބަލަން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި
ޖާހްގެ ބޭންކު އެކައުންޓްތަކުގައި ފައިސާ ފައިސާ ހުރި ނަމަ ހިފަހައްޓަން އަމުރުކޮށްފި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި