ނޮވެމްބަރ 24, 2024

ސިނަމާލެ ބްރިޖްގެ މެއިންޓަނެންސް މަސައްކަތް އިތުރު ތިން އަހަރަށް ޗައިނާއިން ހިލޭ ކޮށްދެނީ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިފް ބްރިޖް (ސިނަމާލެ ބްރިޖް)ގެ މެއިންޓަނަންސްގެ މަސައްކަތް އިތުރު ތިން އަހަރަށް ޗައިނާ ސަރުކާރުން ހިލޭ ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދިޔަ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު، ސިނަމާލެ ބްރިޖުގެ އެއްބަސްވުމުގައިވާ ގޮތުން ބްރިޖުގެ މަސައްކަތް ނިންމުމަށްފަހު ދެ އަހަރު ދުވަހަށް ޗައިނާ ސަރުކާރުން އެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ހިލޭ ކޮށްދޭން ޖެހެ އެވެ.

އެގޮތުން ބްރިޖުގެ މަސައްކަތް ނިންމައި 2018 ވަނަ އަހަރު ހުޅުވި އިރު، ހިލޭ މެއިންޓަނަންސް މަސައްކަތް ކޮށްދޭން ކަނޑައެޅި ދެ އަހަރުގެ މުއްދަތު 2020 ވަނަ އަހަރަށް އޮތީ ހަމަވެފަ އެވެ.

ޕީއެސްއެމް ނިއުސްގެ ’ރާއްޖެމިއަދު‘ ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ، ސިނަމާލެ ބްރިޖުގެ މައިންޓަނަންސް މަސައްކަތް ވަރަށް ބޮޑަށް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް 2020 ވަނަ އަހަރަށްފަހު ކުނިކަހައި ސާފުކުރުން ފިޔަވައި ބްރިޖުގެ މެއިންޓަނަންސްގެ މާބޮޑު މަސައްކަތެއް ކުރެވިފައި ނެތް ކަމަށް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ، ސިނަމާލެ ބްރިޖު އިތުރު ތިން އަހަރަށް ހިލޭ މެއިންޓަނަންސްގެ މަސައްކަތް ކޮށްދޭން ޗައިނާ ސަރުކާރުން ހުށަހަޅާފައިވީ ނަމަވެސް ކުރީގެ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިނުވާ ކަމަށެވެ.

”ހަގީގަތުގައި ޗައިނާ ސަރުކާރުން އެއްބަސްވެފައި އެބަ އޮތް ތިން އަހަރު ދުވަހަށް އަނެއްކާވެސް ހަމަ ހިލޭ އެހީގެ ދަށުން އެކަން ކޮށްދެއްވަން. ކޮންޓްރެކްޓަރުވެސް އައިޑެންޓިފައި ކޮށްފައި ކޮންޓްރެކްޓަރު ހޮވާފައި އެހެން ނަމަވެސް ސޮއިނުކުރެވި އޮތީ. ވަރަށް ދުވަސް ވަންދެން ސޮއިނުކުރެވި އޮތީ. މިހާރު އަޅުގަނޑުމެން މި ބަލަނީ ކަމާގުޅުން ހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ވީހާވެސް އަވަހަކަށް ސޮއިކުރުމަށް. މި ހަފުތާގައިވެސް އަޅުގަނޑުމެންނަށް ހުއްދަތައް ލިބިއްޖެއްޔާ ސޮއިކުރާނަން. ސޮއިކޮށްގެން ބްރިޖުގެ މަރާމާތުގެ މަސައްކަތްތައް ފަށާނަން،“ މުއްތަލިބް ވިދާޅުވި އެވެ.