ސެޕްޓެމްބަރ 23, 2024

ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުން ބުދަ ދުވަހު އަލުން ފަށަނީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާންކުރި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތީގެ ރެޖިސްޓަރީއާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލު ނުވާ މީހުންނާ ހަވާލު ކުރުމުގެ މަސައްކަތް އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރީން ބުނެފިއެވެ.

އެ މިނިސްޓަރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގޯތި ލިބުނު ކަމުގެ ލިޔުމާއި ގޯތި ރެޖިސްޓަރީ ހަވާލު ކުރުން ކުރިއަށް ގެންދާނީ އަންނަ ބުދަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދު ހައުސިން މިނިސްޓަރީގައި ކަމަށެވެ.

ރަޖިސްޓްރީއާ ހަވާލުވާން ސޮއި ކުރުމަށްހާޒިރުވާންޖެހޭ ގަޑިއާއި ތާރީހު ހައުސިން މިނިސްޓަރީން ތަރުތީބު ކުރާ ތާވަލަކާ އެއްގޮތަށް އަންގަމުން ގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގުޅީފަޅު އަދި ގިރާވަރު ފަޅުން ބިން ހިއްކައިގެން ޖުމުލަ 9003 ގޯތި ދޫކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން ނިންމި އެވެ. އޭގެތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.

މިހާތަނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުނުކުރެވި 2000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.