އޮކްޓޯބަރ 5, 2024

ޗައިނާގެ ހަދިޔާއާއެކު މާފުށީ ސްކޫލަށް އިތުރު ކުރިއެރުން ލިބޭނެ: ސާޖިދާ

ޗައިނާ ސަރުކާރުން ކ. މާފުށީ ސްކޫލަށް ހަދިޔާކުރި ތަކެއްޗާއެކު އެ ސްކޫލަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ޗައިނާ ސަރުކާރުން މާފުށީ ސްކޫލަށް ހަދިޔާކުރި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ތަކެތީގެ ސަބަބުން މާފުށީ ސްކޫލްގެ ކިޔަވައިދިނުމާއި އަދި ދަރިވަރުންގެ އުނގެނުމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މީގެ ތެރޭގައި ހިމެނޭ ކުޅިވަރާގުޅޭ ސާމާނުގެ ސަބަބުން ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ހެޔޮބަދަލެއް އައުމަށް މަގުފަހި ވެގެންދާނެކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް މިގޮތަށް ކުރެވޭ ހޭދައަކީ ހަމައެކަނި މާފުށީ ސްކޫލްގެ އިތުރުން އޭގެ ފައިދާ ދިގު މުއްދަތެއްގައި މުޅި ރަށަށްވެސް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާވަނީ، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

ޗައިނާއިން މާފުށީ ސްކޫލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ސްކޫލަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްގެ އިތުރުން ބާސްކެޓް ބޯޅަ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ބައެއް ސާމާނާއި، އައުޓްޑޯ ފިޓްނެސްއަށް ބޭނުންވާ ބައެއް ތަކެތި ހިމެނެއެވެ.