އެޗްޑީސީން ފްލެޓް ލިބިފައިވާ ކަމަށް ބުނެ، އޮޅުވާލައިގެން މީހެއްގެ އަތުން 20،000ރ. ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގއ. ވިލިނގިލީގައި އެޗްޑީސީން ފްލެޓެއް ލިބިއްޖެކަމަށް ބުނެ، އޮޅުވާލައިގެން އެރަށު މީހެއްގެ ބޭންކު އެކައުންޓުން 20،000ރ. މަކަރާއި ހީލަތުން ނަގާފައިވާ މައްސަލައެއް އިއްޔެ ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފްލެޓް ލިބުނު ކަމަށް ބުނެ ފައިސާ ހޯދަން އެޗްޑީސީން ނުގުޅާނެ ކަމަށް ތަކުރާރުކޮށް އެ ކުންފުނިން އަންނަނީ ބުނަމުންނެވެ. މީގެކުރިން ވެސް މިފަދަ މައްސަލަތަކުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން އެތަކެއް ފައިސާއެއް އަތުލާފައިވެ އެވެ.









