ސެޕްޓެމްބަރ 23, 2024

ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ބާއްވަން ފާސްކޮށްފި

އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ. އެ އިސްލާހު ބަލައިގަތުމަށްފަހު ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާ އެ އިސްލާހު ވަނީ ދިރާސާކޮށް މިދިޔަ ބުދަ ދުވަހު ކޮމިޓީން ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ދިރާސާ ކުރަން އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައެވެ. އެ ރިޕޯޓަށް އިތުރު އިސްލާހެއް ގެނައުމަށް ނުވަތަ ބަހުސް ކުރުމަށް ވެސް އެއްވެސް މެންބަރަކު އެދިވަޑައިގެންފައިނުވާތީ ރިޔާސަތުން ވަނީ ވޯޓަށް އަހާފައެވެ.

ޤާނޫނަށް ހުށަހެޅި މި އިސްލާހު ފާސްވެފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވުމުންނެވެ. މިއާއެކު މާޗު 17ގައި ބޭއްވުމަށް ނިންމަވާފައިވާ މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.

މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށް ވަނީ ބަޔާން ކޮށްފައެވެ. އަދި ރޯދަމަހުގެ ދުވަހަކާއި އިންތިޚާބު ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި 10 ދުވަސް ފަހުންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމަނާފައިވާނަމަ އެއީ ސައްޙަ ވޯޓެއް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން، އެ ފާހަގަމަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާނެކަމަށްވެސް އިސްލާހުގައިވެއެވެ.