ނޮވެމްބަރ 22, 2024

ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސުކީމުގެ ދަށުން ދޭން އިއުލާން ކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މިދިޔަ ސަރުކާރުގެ ކުރީކޮޅު އިއުލާން ކުރި ނަމަވެސް އެ މަސައްކަތް އެ ސަރުކާރުގެ ފަހު ދުވަހު ހުއްޓުވި އެވެ.

ފްލެޓް ދޫކުރުން ހުއްޓުވީ އޭސީސީން ބުނި ގޮތުގައި، ފްލެޓު ހައްގު ނުވާ ބަޔަކަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން އޭރުގެ ސަރުކާރުން ފްލެޓު ދީފައި ހުރި ކަމަށް ހުށަހެޅި މައްސަލަތަކެއްގެ ސަބަބުންނެވެ.

އެ މައްސަލަ ތަހުގީގަށްފަހު އޭސީސީން ބުނީ، އެ ކޮމިޝަންގެ ތަހުގީގަށް ބެލި ފޯމުތަކުގެ ތެރެއިން 59.6 ޕަސެންޓް މީހުން ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓް ފޯމުގައި ކަމަށާއި ޝަރުތު ހަމަވި ނަމަވެސް، މައްސަލަ ހުރި 19.7 ފޯމު ފާހަގަވި ކަމަށްވެސް ބުންޏެވެ.

އެއަށްފަހު މި މަހުގެ ކުރީކޮޅު އޭސީސީން ވަނީ ފުލެޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީއަށް ހުއްދަ ދީފަ އެވެ. ނަމަވެސް ފުލެޓް ދޫކުރުމުގެ ކަންކަން ލަސްވަމުންދާތީ، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހައިދަރު މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީގައި ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިހާރު އޮތީ އޭސީސީއަށް އެކަނި ކަމަށާއި އެ ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ލިބުމާ އެކު ޝަތުރު ހަމަވާ ކަމަށް އެ ކޮމިޝަނުން ކަނޑައެޅި މީހުންގެ މައުލޫމާތު މިނިސްޓްރީން ވެރިފައި ކުރުމަށްފަހު ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

”އަޅުގަނޑުމެން މި ރާވަނީ މި އަންނަ ހަފުތާގައި [ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދިނުން] މި މަސައްކަތް ފަށައި ގަނެވޭނެ ކަމަށް. އެއީ އަޅުގަނޑަށް އޭސީސީން މައުލޫމާތު ލިބިފައި އޮތް ގޮތުގައި ދެތިން ދުވަހެއްގެ ތެރޭގައި އެކްސެސް ލިބޭނެއޭ،“ ހައިދަރު ވިދާޅުވި އެވެ.