ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ތިނަދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕޭން ޕެސިފިކް ކުންފުންޏާއެވެ. އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޖިރާޓް ޕެތުނުންތަވޮންގްއެވެ.
މިއީ 400 އާއި 600 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެކެވެ. އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާ ފަޅެއްގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަންޖެހެއެވެ.
ގދ. އަތޮޅުގައި ފަތުރުވެރިކަމާއި އެހެނިހެން އިގްތިސާދީ ކަންކަމަށް އިންވެސްޓްކޮށް ތަރައްގީކުރަން ވެސް ޖެހެއެވެ.
މި އެއާޕޯޓް ތަރައްގީ ކުރަނީ ކޮންތާކު ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.



