ނޮވެމްބަރ 24, 2024

ރަމަޟާން މަހަކީ ރަޙުމަތާއި ފާފަފުއްސެވުމާއި ނަރަކައިން މުއްތި ކުރެއްވުމުގެ މަހެވެ!

ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު އެމަހާ ބައްދަލުކުރުމަށް އަޅުގަނޑުމެން ތައްޔާރުވިންތޯއެވެ؟ އެމަހާ އަޅުގަނޑުމެން ބައްދަލުކުރާނީ ފަހެ ކިހިނަކުންތޯއެވެ؟ ކޮންޙާލަތެއްގައިތޯއެވެ؟ ޢިލްމުވެރިން ވިދާޅުވަނީ މުސްލިމުން ރަމަޟާން މަހާ ބައްދަލުކުރަންވާނީ ނަޞޫޙު ތައުބާއަކުން ތައުބާވެގެންވާ ޙާލުގައި ކަމުގައެވެ. އަދި ﷲ ތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ޙަރާމްކުރެއްވި އެންމެހާ ކަންތަކުން ދުރުވެ ރައްކާތެރިވެގެންވާ ޙާލުގައެވެ. އަދި ހަމައެފަދައިން ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވެ އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވާ ޙާލުގައެވެ. ހުރިހާ ވަގުތެއްގައި އަދި ހުރިހާ ޙާލަތެއްގައިވެސް އުރެދުމާއި ފާފައިން އެއްކިބާވެގެން ތިބޭ ޙާލުގައެވެ. ޚާއްޞަކޮށް ރަމަޟާން މަހަކީ ރަޙްމަތާއި ފާފަފުއްސެވުމާއި ނަރަކައިން މުއްތި ކުރެއްވުމުގެ މަސް ކަމުގައި ވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ.

 يَأَيُّهَا الَّذِيْنَ آمَنُوْاتُوْبُوْا إِلَى اللهِ تَوْبَةً نَصُوْحًا  މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ޙަޟްރަތަށް ތެދުވެރިކަމާއެކު ނަޞޫޙު ތައުބާއަކުން ތައުބާ ވާހުށިކަމެވެ.”

ރަމަޟާންމަހާ ކުރިމަތިލާ އެމަހާ އިސްތިޤްބާލުކޮށް ބައްދަލުވެ އެމަހުގެ ދުވަސްތައް ހޭދަކޮށްފައި ނުކުތް އިރު އެއްވެސްކަހަލަ ހެއުޢަމަލެއް އިތުރަށް ކުރެވިފައިނުވާނަމަ އެފަދަ މީހަކަށް އެލިބުނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ ހުރި ހިތާމައަކާ ސަހަރޯވެރިކަމެއްގެ ބޮޑުކަމާއެވެ! އެފަދަ މީހަކަށް ﷲގެ ޙަޟްރަތަށް ކުއްތަންވުމުގެ އެންމެ ފިޔަވަޅެއްވެސް އިތުރަށް އެޅިފައިނުވާނަމަ އެއީ ހަމަކަށަވަރުން ދުނިޔެއިން މީހަކަށް ލިބޭނެ އެންމެ ބޮޑުގެއްލުމެވެ. އެންމެ ބޮޑު ނިކަމެތިކަން އޭރު އެވަނީ އެމީހަކު އަމިއްލައަށް ލިބިގެންފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

إِنَّ فِى الْجَنَّةِ بَاباً يُقَالُ لَهُ الرَّيَّان ، يَدْخُل مِنْهُ الصَّائِمُوْن يَوم الْقِيَامَة ، لا يَدْخُل مِنْهُ أَحَد غَيْرهُمْ  ، فَإِذَا دَخَلُوا أُغْلِق ، فَلَمْ يَدْخُل مِنْهُ أَحَد (رواه البخاري ومسلم)

 މާނައަކީ: “ހަމަކަށަވަރުން ސުވަރުގޭގައި ރައްޔާނޭ ކިޔޭ ދޮރުކޮޅެއްވެއެވެ. އެއީ އެދޮރުކޮޅަކުން ރޯދަވެރިން ސުވަރުގެ ވަންނަ ދޮރުކޮޅެވެ. ރޯދަވެރިޔަކު ނޫން އެހެން އެއްވެސް މީހަކަށް އެދޮރުކޮޅުން ނުވަދެވޭ ހުއްޓެވެ. ރޯދަވެރިން ވަދެ ނިމުމުން އެދޮރުކޮޅު ބަންދުވާނެއެވެ. އެހެން އެއްވެސް މީހަކަށް އެދޮރުކޮޅަކުން ނުވަދެވޭހުއްޓެވެ.”

އަޅުގަނޑުމެން ﷲގެ އަޅުތަކުން ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރަންވީ ޤިޔާމަތްދުވަހުގައި މިދޮރުން ސުވަރުގެއަށް ވަދެވޭ ބަޔަކު ކަމުގައި ވުމަށެވެ. އަޅުގަނޑުމެން ރައްކާތެރިވާންވީ އަޅުގަނޑުމެންގެ މޫނު މައްޗަށް އެދޮރު ލެއްޕިގެންދާ ފަދަ ނިކަމެތި ބަޔަކު ކަމުގައި ނުވުމަށެވެ. އެފަދަ ގޮތެއް ދިމާވެއްޖެނަމަ އެއީ އެމީހަކަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެކެވެ. އިހާނެތި ކަމަކާއި ބިރުކަމެއްވެސް މެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

فَإِذَا دَخَلَ آخِرُهُمْ أُغْلِق مَنْ دَخَل شَرِبَ ، وَمَنْ شَرِبَ لَمْ يَظْمَأ (رواه ابن خزيمة )

މާނައަކީ : “ފަހެ އެރޯދަވެރިންކުރެ އެންމެފަހު މީހާ ވަދެނިމުމާއެކު އެދޮރުކޮޅު ބަންދުވެދެއެވެ. އެދޮރުކޮޅުން ވަދެއްޖެ މީހާއަށް ސުވަރުގޭގެ މީރު ބުއިން ލިބެއެވެ. ސުވަރުގޭގެ މީރު ބުއިމެއް ލިބިއްޖެ މީހާއަށް ދެން ދުވަހަކުވެސް ކަރުހިއްކުމުގެ ކަމެއް ކުރިމަތިނުވާހުއްޓެވެ.”

އާދެ! ރަމަޟާންމަހުގެ މާތްކަމާއި މަތިވެރިކަމާއެވެ! އެމަހުގައި ކުރެވޭ އަޅުކަމަށްޓަކައި ﷲ ދެއްވާ ދީލަތި ދެއްވުމުގެ ބޮޑުކަމާއެވެ! އެމަހުގައި އެކަލާނގެ އަޅާ އެރޯދަ ހިފަނީ އޭނާ ހެއްދެވިފަރާތުގެ އަމުރަށް ކިޔަމަންތެރިވެ ހުންނަ ޙާލުގައެވެ. އެހެންކަމުން އެކަލާނގެ އެކަމުގެ ބަދަލުގައި ދެއްވާ ދަރުމައާއި އަޖުރު ނުވަތަ ޘަވާބުގެ ބޮޑުކަމާއެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

الصِّيَامُ جُنَّةُ مِنَ النَّارِ ، كَجُنَّةِ أَحَدِكُم مِنَ الْقِتَال، وَصِيَام حَسن من ثَلاَ ثَةِ أَيَّامٍ  من كُلِّ شَهْر (رواه أحمد)

މާނައަކީ: ރޯދައަކީ ނަރަކައިން ރައްކާތެރިވުމަށް ލިބިފައިވާ އައްޑަނައެކެވެ. އެއީ ތިޔަބައިމީހުންކުރެ މީހަކު ހަނގުރާމައިން ރައްކާތެރިވެ ދިފާޢުވުމަށް ލިބިފައިވާ އައްޑަނަ ފަދައިންނެވެ. އަދި ކޮންމެ މަހެއްގެ ތެރޭގައި ތިންދުވަހުގައި ހިފާ ރޯދަވެސްވަނީ ހެއުޢަމަލެއް ކަމުގައެވެ.”

Leave a Reply