އޮކްޓޯބަރ 5, 2024

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ހަދަން ހަކަތައިގެ ވިޔަފާރީކުރާ އެންމެ ބޮޑު ކުންފުންޏަށް

މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބިޔަ މަޝްރޫއު، މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލް ގުރޫޕާ މިއަދު ހަވާލުކޮށްފި އެވެ.

ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައިމެއްގައި ހުންނައިރު، އެ ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ. އަދި ވިޓޯލްއަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކާ ސަޕްލަޔަރު އަދި ސިންގަޕޯރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އްމެޑީ ޝިމާދު އިބްރާހިމް އެވެ. ވިޓޯލްގެ ފަރާތުން ސޮއިކުރެއްވީ އެ ގުރޫޕުގެ ޑިރެކްޓަރު ޖޭ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެސްޓީއޯ އިން ބުނީ، ވިޓޯލް އާއެކު މިއަދު ސޮއިކުރީ ޓާމް ޝީޓެއްގައި ކަމަށާއި އެއީ އިހަވަންދިއްޕޮޅުގައި ބަންކަރިން ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއެ ކުރުމުގެ ކުރިން ސޮއެ ކުރެވޭ ޓާމް ޝީޓެއް ކަމަށެވެ.

އެގޮތުން އެއްބަސްވުމުގައި ވިޓޯލްގެ މައިގަނޑު ޒިންމާއަކީ ބަންކަރަކިން ހިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނާނެ ބާޖަށް ސަޕްލައި ކުރުމާއި ވިޓޯލްގެ ބޮޑު ނެޓްވޯކްގެ ތެރެއިން ބައިނަލްއަގުވާމީ ބަންކަރިން ހަބެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމެވެ. އަދި އެސްޓީއޯ ވެގެންދާނީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ފިޒިކަލް ބަންކާ ސަޕްލަޔަރަށެވެ.

އެސްޓީއޯ އިން ބުނީ، އިހަވަންދިއްޕޮޅުގައި ހަދާ ބަންކަރިން ފެސިލިޓީން ބޯޓުތަކައް ބޭނުންވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ލިބެން ހުންނާނެ ކަމަށާއި ޑިމާންޑް އޮތް ކަމުގައިވާނަމަ، ކުރިއައް އޮތް ތަނުގައި އެލްއެންޖީ އަދި ބަޔޯ ފިއުލްވެސް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި ވިޓޯލްގެ ބްރޭންޑާއި ތަޖުރިބާ އާއި ތެލުގެ ވިޔަފާރީގެ ގުޅުންތައް ބޭނުން ކޮށްގެން ރާއްޖެ މާކެޓް ކުރުމުން ރަނގަޅު ނަތީޖާ އެއް ފެންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެ މަޝްރޫއު އާއެކު ރާއްޖެއަކީ ޓޫރިޒަމް އެކޭ އެއްފަދައިން ދުނިޔޭގެ ވިޔަފާރީގައި ވިދުވާލާނެ މަގުބޫލު ބަންކަރިން ހަބަކަށް ވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.