ސިޔާސީ ދާއިރާގައި ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން

ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިސްލާމްއާބާދު (އައިއައިޔޫއައި)ގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓުކަން މިއަދު އަރުވައިފި އެވެ.

އެ މަނިކުފާނަށް އެ ޑޮކްޓަރޭޓް އެރުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފުގެ ދައުވަތަކަށް ރައީސް މުއިއްޒަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ޕާކިސްތާނުގެ ބޮޑުވަޒީރުގެ ގެކޮޅުގައި ބޭއްވި އައިއައިޔޫއައިގެ 13 ވަނަ ހާއްސަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް އާއި އެ ގައުމުގެ ފެޑެރަލް ކެބިނެޓުގެ މެންބަރުންނާއި ރައީސް މުއިއްޒުގެ ވަފުދުގެ މެންބަރުންނާއި އައިއައިޔޫއައިގެ ރެކްޓަރު ޕްރޮފެސަރު ޑރ. އަހުމަދު ސައުދު އަލްއަހްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް މުއިއްޒަށް ޑޮކްޓަރޭޓް އެރުވީ އައިއައިޔޫއައިގެ ޗާންސެލަރު އަދި ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަންގެ ހައިސިއްޔަތުން އާސިފް އަލީ ޒަރުދާރީގެ ނަންފުޅުގައެވެ.

ޑޮކްޓަރޭޓް އެރުވުމުގެ ސައިޓޭޝަން އިއްވަވަމުން އައިއައިޔޫއައިގެ ވައިސް ޕްރެސިޑެންޓް އެކަޑެމިކްސް ޑރ. ނަދީމް އަހުމަދު ޝައިހް ވިދާޅުވީ، އެ ސަނަދު ރައީސް މުއިއްޒަށް އެރުވީ އެ މަނިކުފާނުގެ އާންމު ހިދުމަތްތަކާއި ލީޑާޝިޕާއި ވެރިކަން ހިންގުމުގެ އިސްލާހުތަކާއި އެ މަނިކުފާނުގެ ގައުމުގެ މުއައްސަސާތައް ތަރައްގީ ކުރެއްވުމުގެ އިތުރުން އިސްލާމީ އަގުތައް ނެގެހެއްޓުމަށާއި އަދުލުއިންސާފާއި ހަމަހަކަން ކުރިއެރުވުމަށް އެ މަނިކުފާނު ދެއްވާ އަހައްމިއްޔަތަށާއި މުސްލިމު އުއްމަތަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

މި ޝަރަފާ ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ވަނީ، އެ މަގާމު އެ މަނިކުފާނަށް އެރުވުމަކީ ލިބުނު ޝަރަފެއް ކަމަށް ވިދާޅުވެފަ އެވެ.