އަބޫ ދާބީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހަދާ ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓުން މީހަކު ގަންނަ ތަނެއް, އަނބުރާ ސަރުކާރަށް ލިބޭނީ އެތަނަށް އަގު ދައްކައި ގަނެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ ’ދަ ޕަލްސް‘ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, މެރީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަނެއް ގަނެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށާއި އެ މުއްދަތު ހަމަވުމުން އޮޓޯއިން އެތަނުގެ މުއްދަތު އިތުރެއް ނުވާނެ ކަމަށެވެ.
އޭގެ ބަދަލުގައި މުއްދަތު ހަމަވުމުން ނުވަތަ މުއްދަތުގެ ކުރިން ތަން ދޫކޮށްލާނަމަ ޖެހޭނީ އެ ތަނެއް ވިއްކާލަން ޖެހޭނީ ސަރުކާރަށް ކަމަށާއި އެތަން ދެން އިތުރު ބަޔަކަށް ވިއްކާނަމަ ވިއްކާލުމުގެ ހައްގާއި ކޮންޓްރޯލް އޮންނަނީ ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
”ރިސޯޓްތައް ވެސް. މިސާލަކަށް ބައްލަވާ 99 އަހަރަށް މިހާރު މި އޮންނަނީ ފުރުސަތެއްގެ ތެރެއިން. އެތައް ރިސޯޓެއް އޮތީ މުއްދަތު 99 އަހަރަށް އިތުރުކޮށްފަ. މި 99 އަހަރަށް މި އިތުރުކޮށްފައި ރިސޯޓްތައް ވެސް 99 އަހަރު ވީމާ އެގްރީމަންޓް ބައްލަވާ، މިހާރުވެސް އެ ބޭފުޅުންގެ އެގްރީމަންޓްތައް އަދި ގާނޫނާ ހުރިހާ ލިޔެކިޔުންތައް ބައްލަވާ 99 އަހަރު ވީމަ އެ ތަންތަން ސަރުކާރުން ބޭނުންވެއްޖެއްޔާ ސަރުކާރުން މި ޖެހެނީ އެ ތަނަށް ކޮށްފައި އިންވެސްޓްމަންޓް އަގުދީފަ ނަގަން. ނޫނީ އެ ފަރާތަށް ފުރުސަތު ދޭންޖެހޭ މުއްދަތު އިތުރުކުރަން. ނޫނީ އަލުން ރިނިއު ކުރަން. އެހެންވީމާ އެކަންވެސް އެ އޮންނަނީ އެހެން,“ ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނު މިހާރު އޮންނަ ގޮތުން 99 އަހަރަށް ބިން ކުއްޔަށް ދެވެ އެވެ.
ރަސްމާލޭން ޕްރޮޕަޓީ ގަންނަ މީހުންނަށް އެތަނުގެ ބިން މިލްކުނުކުރެވޭނެ ކަމަށާއި ލިބޭނީ އެ ބިމުގައި ހުންނަ އިމާރާތް ނުވަތަ ޕްރޮޕަޓީގެ މިލްކުވެރިކަން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފަ އެވެ.


