އިސްލާމް ދީނުގެ އަގީދާ ހިތުގައި ވަރުގަދައަށް އަށަގެންފި ނަމަ، އެ މީހަކަށް ދެންހުރި ހުރިހާ ކަމެއް ފަސާހަވާނެކަމީ ބަދުރު ހަނގުރާމައިން ލިބޭ ފިލާވަޅެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ކާމިޔާބީތަކެއްގެ މައްސަރު“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، ހިނގަމުންމިދާ ބަރަކާތުން ފުރިގެންވާ މި މައްސަރުގައި މާތް ﷲ އިސްލާމީ އުއްމަތަށް ގިނަގުނަ ކާމިޔާބީތަކެއް ދެއްވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކާމިޔާބީއަކީ ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ދެއްވި ނަސްރު ކަމަށެވެ.
އެ ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ އަދުލުވެރިކަމުގެ ފިލާވަޅު ކަމަށާއި އެގޮތުން މާތް ނަބިއްޔާ އެހެން ބައެއްގެ މައްޗަށް އަދުލުވެރިކަން ހިންގެވުމުގެ ކުރިން ހުދު އެކަލޭގެފާނުގެ ނަފުސުގެ މައްޗަށް އަދުލުވެރިކަން އިސްކުރެއްވި ކަމަށް ބުންޏެވެ.
ބަދުރު ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ މަޝްވަރާކުރުމުގެ މަތިވެރި ފިލާވަޅުކަން ފާހަގަކޮށް ހުތުބާގައި ބުނީ، ކީރިތި ރަސޫލާގެ މައްޗަށް ވަހީ ބާވައިލައްވަމުން ދިޔައިރުވެސް އެކަލޭގެފާނު ދެއްކެވި ނަމޫނާއަކީ އެކަލޭގެފާނަކީ އަމިއްލަފުޅު ރައްޔަށް ކަންކަން ކުރައްވާ ބޭކަލެއް ނޫންކަން ކަމަށެވެ. އަދި ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން އެފަދަ މިސާލުތައް ފެންނާން އެބަހުރި ކަމަށާއި ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގައިވެސް އެބައިމީހުންގެ ހިތްވަރާއި އަޒުމުގެ ވަރުގަަދަކަން ދެކި، ހެއްދެވިފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން އިބުރަތް ލިބިގަންނަންޖެހޭ ކަމަށެވެ.
އަދި މުސްލިމުންގެ މޮޓޯއަކީ ހަމައެއް މޮޓޯއެއް ކަމަށާއި އެއީ މާތް ﷲގެ މަގުގައި ޝަހީދުވުން ނުވަތަ ނަސްރު ލިބުން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މި މައްސަރުގައި ދެއްވި އަނެއް ކާމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހު ވިހިވަނަ ދުވަހު ދެއްވި މައްކާ ފަތަހަކުރެއްވުމުގެ ކާމިޔާބީ ކަމަށެވެ. އެގޮތުން މައްކާއިން އެކަލޭގެފާނު ބޭރުކޮށްލެވުނު ހިނދު، އެކަލޭގެފާނު ނުކުމެވަޑައިގެންނެވީ އަބޫބަކުރުގެފާނާއެކު ގިނިކަންޏާ ކަމަށާއި ނަމަވެސް މައްކާ ފަތަހަކުރެއްވި ދުވަހު އެކަލޭގެފާނު މައްކާއަށް ވަދެވަޑައިގެންނެވީ ދިހަހާހަށްވުރެ ގިނަ އަސްހާބު ބޭކަލުންނާއެކު ކަމަށް ބުންޏެވެ.
އަދި އެކަލޭގެފާނާ މެދު އިހާނެތިކޮށް އެބައިމީހުން ކަންތައްކޮށްފައި ވީއިރުވެސް އެކަލޭގެފާނަށް އާރާއި ބާރު ލިބިވަޑައިގެން ހުންނަވައިމެ، މައްކާގެ ރައްޔިތުންނަށް މައާފު ކުރެއްވި ކަމަށާއި އެކަލޭގެފާނަކީ އޯގާވެރިކަމާއި ހިތްޕުޅު ތިރިކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ބުންޏެވެ.




ގުޅުންހުރި
ވަޒީފާއެއް ނެތް ބިދޭސީން ހޯދަނީ
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ސަފާރީއެއްގައި ރޯވެ އަނދަނީ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ޔާމީން އާއެކު މަސައްކަތްކުރަން ނަޝީދު އާއި ސޯލިހު