އޮކްޓޯބަރ 5, 2024

ގެދޮރުވެރިކަން ބޭނުންވާ ނަމަ މަޖިލީހަށް ސަރުކާރު ކެންޑިޑޭޓުން ހޮވައިދެއްވާ: ރައީސް މުއިއްޒު

ގެދޮރުވެރިކަން ޔަގީން ކުރަން ބޭނުންވާ ނަމަ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައި ހޮއްވަވައި ދެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުވަދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑް)ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ، ގެދޮރުވެރިކަން ލިބުމަކީ ގައުމަށް ހަމަޖެހުން އަންނާނެ އެންމެ ބޮޑު ސަބަބު ކަމަށާއި އަބުރުވެރި ދިރިއުޅުމެއް ލިބޭނީވެސް ގެދޮރުވެރިކަން ލިބިގެން ކަމަށެވެ.

ދައުރުގެ އެންމެ ކުރީކޮޅު ފުށިދިއްގަރު ފަޅު މަސައްކަތް ފެށީ އެ ސަބަބަށްޓަކައި ކަމަށާއި ނަމަވެސް އެކަން ހަލުވި ދުވެލީގައި ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގައި އެ ވިސްނުމުގައި މަސައްކަތް ކުރާނެ ބަަޔަކު ތިބެގެން ކަމަށް ވިދާޅުވި އެވެ.

”ރައްޔިތުންގެ އަތްމަތީގައި އޮތީ އެކަން އަމިއްލަފުޅަށް ނިންމެވުން. ރައްޔިތުން ގެދޮރުވެރިކަން ޔަގީންކުރަން ބޭނުމިއްޔާ އެ ނިންމެވުން ނިންމަވައި ދެއްވާ 21 އޭޕްރިލްގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިގެން. އޭރުން އެކަން ވާނީ. އެއީ މަޖިލީހުން ފާސްކުރަންޖެހޭ ގާނޫނުތައްވެސް ހުރީމަ. އެކަން ކުރުމުގައި ރައްޔިތުންގެ އަތްމަތީގައި އޮތީ،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ގެދޮރުވެރިކަން ޔަގީންކޮށްދެއްވުމަށް ފަސް ޕަސެންޓުގައި ލުއި ލޯން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު މި އަހަރުގެ ތެރޭގައި އެ ލޯން ދޫކުރަން ފައްޓަވާނެ ކަމަށެވެ. އޭގެ އިތުރުން ހަދަން ފަށާފައި ހުރި ގެތައް ނިންމުމަށާއި ގެދޮރު މަރާމާތު ކުރަން ހާއްސަ ލޯނެއް ތައާރަފު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެ ލޯންތައް ދޫކުރުމަށް ގާނޫނީ ބާރުވެރިކަމެއް ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މާލެ ފަދަ ތޮއްޖެހިފައިވާ ސަރަހައްދުތައް ތަރައްގީ ކުރުމަށްޓަކާ ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ ގާނޫނުތައް ހުންނަ ކަމަށާއި އެކަމަށްޓަކައި ބިލުތައް ހަދާފައި މަޖިލީހަށް ފޮނުވަމުން ގެންދަވާ ކަމަށެވެ.